ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 'ވިނަރެސް' ފްލެޓު ގަތުމަށް ޝަރުތު ހަމަވެފައިވާ މީހުންގެ ތެރެއިން ފްލެޓަށް ފައިސާ ދެއްކޭނެ ކަމުގެ ގާބިލުކަން ސާބިތުކޮށްނުދެވޭ 499 ފަރާތަށް، މާލީ ގާބިލިއްޔަތުކަން ސާބިތުކޮށްދޭން ހުށަހެޅުމަށް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް އާބަންކޯ އިން ހުޅުވާލައިފިއެވެ.

މިއަދު ކުރި އިއުލާނެއްގައި އާބަންކޯ އިން ބުނީ، ދިގު މުއްދަތަކަށް ބަހާލައިގެން ވިނަރެސް ފްލެޓުތަކަށް ފައިސާ ދައްކާ އުސޫލު އިހްތިޔާރުކުރި ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބެލުމަށް ފަހު، މާލީ ގާބިލިއްޔަތުކަން ބެލުމުގެ ފުރަތަމަ މަރުހަލާ ނިމިފައިވާ ކަމަށެވެ.

ނަމަވެސް އެކި ސަބަބުތަކާ ހުރެ ފްލެޓުތައް ގަތުމަށް މާލީ ގާބިލިއްޔަތުކަން ހުރިކަން ސާބިތުކޮށްދެވިފައި ނުވާ ފަރާތްތަކަށް މާލީ ގާބިލިއްޔަތުކަން ހުރިކަން ސާބިތުކުރުމަށް ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް، އެ ކުންފުނިން ބުންޏެވެ. އެގޮތުން އާބަންކޯ އިން ވަނީ މާލީ ގާބިލިއްޔަތުކަން ހުރިކަން ސާބިތުކޮށްދޭން އެ ފަރާތްތަކަށް ތިން ގޮތެއް ހުށަހަޅައިފައެވެ. އެއީ:

  • އާމްދަނީ ސާބިތުކުރުމަށް އިތުރު ލިޔެކިއުންތައް ހުށަހެޅުން
  • އެމްއެމްއޭގެ ކްރެޑިޓް ރިޕޯޓު ހުށަހަޅާފައިނުވާ ފަރާތްތަކުން އެ ރިޕޯޓު ހުށަހެޅުން
  • އެލިޖިބަލް އީއެމްއައި ސާބިތުނުވާ ނަމަ އެއްކަރުދާސް ކޮށްފައިވާ ފޯމު މެދުވެރިކޮށް ގެރެންޓަރެއް ހަމަޖެއްސުން

އާބަންކޯ އިން އެދުނީ އެ 499 ފަރާތުން އެ ފަރާތްތަކުގެ ފޯނު ނަންބަރު ނުވަތަ ފޯމު ހުށަހެޅި ފަރާތުގެ އައިޑީކާޑު ނަންބަރު ޖެހުމަށް ފަހު، އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މެއިލްކުރުމަށެވެ.

އަދި ވިނަރެސް ފްލެޓަށް ޝަރުތު ހަމަވާކަން އާބަންކޯ އިން އަންގައި، ފްލެޓު އިހްތިޔާރުކުރުމުގެ މަރުހަލާ އަށް ދައުވަތު ދިން ނަމަވެސް ފްލެޓު އިހްތިޔާރުކުރުމަށް ހާޒިރުނުވާ ފަރާތްތައް ވެސް އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އެ މަރުހަލާ ފުރިހަމަކުރުމަށް ވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

ވިނަރެސް ފްލެޓުތައް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރީ މި މަހުގެ 21 ގައެވެ.

އެ މަޝްރޫއުގެ ދަށުން ސަރުކާރުން އިމާރާތްކުރާ 10 ޓަވަރުގައި ޖުމްލަ 1،344 އެޕާޓްމެންޓު ހިމެނެއެވެ. ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ބެލްކަންޏެއް ހިމެނޭ ގޮތަށް އިމާރާތްކުރި އެޕާޓްމެންޓުތަކުގެ އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގައެވެ.