ސިފައިންނާއި ފުލުހުންގެ ތާއީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނެތްކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ މުއައްސިސް އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފު މިހެން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ތ. އަތޮޅު ކިނބިދުއަށް ވަޑައިގެން، އިންތިހާބުގެ ދެވަނަ ބުރަކަށް ދާނަމަ ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ދާނެކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން އެވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

ހަސަން ލަތީފު ވިދާޅުވީ، 'އެއްވެސް ހަލަބޮއްޔެއް ނުކުރޭނެ ކަމަށާއި' ސިފައިންނާއި ފުލުހުންގެ ތެރެއިން ވެސް 90 ޕަސެންޓު، ރައީސް ސޯލިހަށް ތާއީދު ނުކުރާކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ކޮން ހަލަބޮއްޔެއް، އެއް ހަލަބޮއްޔެއްވެސް ނުކުރެވޭނެ. ސިފައިންނާއި ފުލުހުންގެވެސް 90 އިންސައްތަ ތާއީދު ރައީސް އިބްރާހިމްއަށް ނެތްކަން ކަންޑައެޅިގެން އެމަނިކުފާނަށް އެނގިލައްވާނެ
ހަސަން ލަތީފު

ކިނބިދުއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އުފާވެރި އަމާން ރާއްޖެއެއް ހޯދައި ދިނުމަށް ކުރާ މަސައްކަތުގެ އަމާޒު މިހާރު ހުރީ ރަނގަޅަށް ކަމަށާއި ވަޑައިގެން ކޮންމެ ރަށަކުން ވެސް ފެނިވަޑައިގަތީ އެމްޑީޕީއާ އެކީ ކުރިއަށް ދާ މަންޒަރު ކަމަށެވެ.

އެހެން ނޫން ނަމަ މި ދެވަނަ ބުރަކަށް ގޮސް އަނެއްކާވެސް ބޮޑު ހަލަބޮލި ކަމަކަށް މި ރާއްޖެ ގޮސްދާނެ. އެ ފުރުސަތު ނުދެއްވުން އެއީ ވިސްނަން ޖެހޭ ކަމެއް. އެ އަށް އެނބުރި ގޮސްފިއްޔާ ދެން ވެދާނެ ގޮތް ހީވެސް ނުކުރާނެ،
ރައީސް

ރައީސް ވިދާޅުވި ގޮތުގައި 2008 ގައި ވެރިކަން ބަދަލުވި ފަހުން މެދުކެނޑުމެއް ނެތި ހައެއްކަ އަހަރު އެމްޑީޕީ މަގުމަތީ ތިބެން ޖެހުނެވެ. އޭގެ ފަހުން އަނެއްކާވެސް ވެރިކަމަށް އާދެވި، ރައްޔިތުންނަށް ވި ވައުދުތައް މެދުކެނޑުމެއް ނެތި ފުއްދަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.