ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން ހިންގާ ހިތަދޫ ސަރަހައްދީ ބަނދަރުން މުދާ ކްލިއާކުރުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެ މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އައު ގަވާއިދު އާންމުކޮށްފިއެވެ.

މި އައު ގަވާއިދާއެކު، މީގެ ކުރިން މިކަމާ ގުޅިގެން އަމަލުކުރަމުންދިޔަ އެންމެހައި އުސޫލުތަކާއި ގަވާއިދުތައް ބާތިލުވެގެންދާނެއެވެ. ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ހިދުމަތްދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އެކުލަވާލާފައިވާ މި ގަވައިދުގައި މުދާ ކްލިއާކުރާ ފަރާތްތަކަށް ވަނީ މުހިންމު ޝަރުތުތަކެއް ކަނޑައަޅާފައެވެ.

މި ގަވައިދުގައިވާ ގޮތުން ކްލިއަރިން އެޖެންޓުންގެ ގޮތުގައި ނުވަތަ އަމިއްލަ ނަމުގައި މުދާ އެތެރެކުރާ ކުންފުނިތަކުން އެޗްޕީއެލްގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓުގައި ރަޖިސްޓަރީވެ، ޓެރިފްގައިވާގޮތުގެ މަތިން ރަޖިސްޓްރޭޝަން ފީ އާއި އަހަރީ ފީ ދައްކަންޖެހެއެވެ. އަދި ޑިސެމްބަރު 31 ގެ ކުރިން އަހަރީ ފީ ނުދައްކައިފިނަމަ ހިދުމަތް މެދުކަނޑައިލެވޭނެއެވެ.

މުދާ ކްލިއާކުރުމުގެ މަސައްކަތުގައި އެޗްޕީއެލްގެ މުވައްޒަފުންނާ، އުޅަނދުފަހަރުގެ ފަޅުވެރިން އަދި ޑްރައިވަރުން ބައިވެރިކުރުމަކީ މަނާކަމެކެވެ. ރަޖިސްޓަރީވާ ފަރާތްތަކުގައި ލޭބަރުންނާ، ސުޕަވައިޒަރުން އަދި ސިގްނަލް މޭން ހިމެނޭ ގޮތަށް މަދުވެގެން 10 މުވައްޒަފުން ތިބެންޖެހޭއިރު، އިތުރުވާ ކޮންމެ 9 ލޭބަރަކަށް ސުޕަވައިޒަރަކު ހުންނަންވާނެއެވެ.

މީގެ އިތުރުން ބަނދަރު ސަރަޙައްދަށް ވަދެވޭނީ ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި "ޕޯޓް ވޯކާސް ޓްރެއިނިންގ ޕްރޮގްރާމް" ފުރިހަމަކޮށް، ކުށުގެ ރެކޯޑު ސާފުވެފައިވާ ފަރާތްތަކަށް ދޫކުރާ އެންޓްރީ ފާސް އޮވެގެންނެވެ. އަދި ކޮންމެ 2 އަހަރަކުން އެއްފަހަރު ރިފްރެޝާ ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

ބަނދަރުގައި މަސައްކަތްކުރާއިރު ކުންފުނީގެ ނަމާއި ލޯގޯ ޖެހި ހައި ވިސިބިލިޓީ ޖެކެޓް ބޭނުންކުރަންޖެހޭއިރު، އަރިމަތީ ޖީބު ހުންނަ ފަޓްލޫނާ، ޓްރެކްސޫޓް އަދި ސޯޓު ލައިގެން މަސައްކަތްކުރުމަކީ މަނާކަމެކެވެ. މި އައު އުސޫލުތައް ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ކުރިއަށްދާނީ ހިތަދޫ ޕޯޓްސް ލިމިޓެޑުގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓާއި ސެކިއުރިޓީ އެންޑް ސޭފްޓީ ޑިޕާޓްމަންޓުންކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.