ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްއިން އިސްތިއުފާދިނުމަށްފަހު، ހަސަން ލަތީފު އަލުން އަބުރާ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ހަމަނުޖެހންތަކާއެކު އެ ޕާޓީން ވަކިވި ހަސަން ލަތީފުގެ އިތުރުން މުހައްމަދު ޝިފާޒް ވެސްވަނީ މިއަދު އެމްޑީޕީއަށް ސޮއިކޮށްފައެވެ. އެމްޑީޕީއަށް މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ދެ ބޭފުޅުން އެނބުރި އެ ޕާޓީއަށް ސޮއިކުރައްވާފައިވާތީ މަރުހަބާ ދަންނަވާފައެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމުން ހަސަން އިސްތިއުފާ ދެއްވުމަށް އެ ޕާޓީގެ ނައިބު ރައީސަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި ހަސަން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައި ނުވާއިރު ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވެސް ވަނީ އެ ޕާޓީ ދޫކޮށް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އެމްޑީޕީ އިން އެ ޕާޓީ ވަރުގަދަކޮށް އިދިކޮޅު ހަރަކާތްތައް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެ ޕާޓީން ވަނީ މެންބަރުންނާއި މެދު އަޅާފައިވާ ސުލޫކީ ފިޔަވަޅުތައް އުވާލުމަށްވެސް ނިންމާފައެވެ.