އިޒްރޭލުގެ އާންމު އިންތިހާބުގައި އަރަބި ޕާޓީތަކުން އެ ގައުމުގެ ގާނޫނުހަދާ މަޖިލިސް ކަމަށްވާ ކްނެސެޓްގެ ރެކޯޑު 19 ގޮނޑި ކާމިޔާބުކުރާނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައިފިއެވެ. އިއްޔެ ކުރިއަށްދިޔަ މި އިންތިހާބުގެ އެގްޒިޓް ޕޯލްތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ނަތީޖާ ފެނިފައިވަނީ އިޒްރޭލުގެ ރައްޔިތުކަން އޮންނަ ފަލަސްތީނު ދަރިކޮޅުގެ މީހުން ވޯޓުލުމަށް ނުކުތް ނިސްބަތް ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ނުފެންނަހާ މަތީ މިންވަރަކަށް އިތުރުވުމާ ގުޅިގެންނެވެ.
އިއްޔެ ލީ ވޯޓުގެ އެގްޒިޓް ޕޯލްތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަރަބީން އިސްވެ ހިންގާ މައިގަނޑު ދެ ޕާޓީ ކަމަށްވާ ޖޮއިންޓް ލިސްޓް އަދި ރާމް އެއްކޮށްލުމުން، 120 މެންބަރުން ހިމެނޭ ކްނެސެޓްގައި 19 ގޮނޑި އެ ދެ ޕާޓީއަށް ލިބުމުގެ ފުރުސަތު އެބައޮތެވެ. މިއީ އެ ގައުމުގެ ތާރީހުގައި ވެސް އަރަބި ޕާޓީތަކަށް މިހާ ގިނަ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށް ލަފާކުރެވުނު ފުރަތަމަ ފަހަރެވެ.
އިޒްރޭލުގެ ޗެނަލް 12 އިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ރައްޔިތުކަން އޮންނަ ފަލަސްތީނު މީހުން މި އިންތިހާބުގައި ވޯޓުލީ ނިސްބަތް އުޅެނީ ގާތްގަނޑަކަށް 80 އިންސައްތައިގައެވެ. އެ ޗެނަލުން ބުނި ގޮތުގައި، މިއީ 1999 ވަނަ އަހަރުގެ ރެކޯޑު މުގުރާލާފައިވާ ތާރީހީ އަދަދެކެވެ.
މުޅި އިންތިހާބުގައި އާންމުން ވޯޓުލުމަށް ނުކުތް ޖުމްލަ ނިސްބަތް ވެސް ވަނީ ތާރީހީ މިންވަރަކަށް އުފުލިފައެވެ. ސެންޓްރަލް އިލެކްޝަންސް ކޮމިޓީން އިއްޔެ ބުނި ގޮތުގައި، މި އިންތިހާބުގައި 77.7 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. އެ ކޮމިޓީން ފާހަގަކުރި ގޮތުގައި، މިއީ 1999 ވަނަ އަހަރުގެ ފަހުން އެ ގައުމުގެ އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރެވެ.
މިހާތަނަށް ވޯޓުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ ވޯޓު ގުނައި ނިމިފައިވާއިރު، ޖޮއިންޓް ލިސްޓް އިން ވަނީ ވޯޓުގެ 9 އިންސައްތައަށް ވުރެ މަތީ އަދަދެއް ހޯދާފައެވެ. މިއީ އަދި ވަގުތީ ނަތީޖާތަކެއް ނަމަވެސް، ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާއިރު އަރަބި ޕާޓީތަކަށް ލިބެމުންދާ ތާއީދު ބޮޑުކަން މި އަދަދުތަކުން ހާމަވެއެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، އިޒްރޭލުގެ އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ގާދީ އެއިޒެންކޮޓްގެ ޔަޝާރު ޕާޓީން އިސްވެ އޮތް އިދިކޮޅު ކޯލިޝަން އޮތީ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކުޑް ޕާޓީން އިސްވެ އޮތް ކޯލިޝަނަށް ވުރެ ފަހަތުގައެވެ. ނަމަވެސް މިއީ އަދި ފުރަތަމަ ކޮޅުގެ ވަގުތީ ނަތީޖާތަކެކެވެ.
ރާމް ނުވަތަ ޔުނައިޓެޑް އަރަބް ލިސްޓުގެ ލީޑަރު މަންސޫރު އައްބާސް ބުނީ، އިންތިހާބުގެ ދާއިމީ ނަތީޖާ ނުކުންނައިރު، އޭނާގެ ޕާޓީ ހިމެނޭހެން ބެންޖަމިން ނަތަންޔާހޫއާ ދެކޮޅު ފަޅިއަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑި ކާމިޔާބުކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ވަގުތީ ނަތީޖާތައް އަންނަން ފެށުމުގެ ކުރިން ޗެނަލް 12 އަށް ދިން ބަސްދީގަތުމެއްގައި މަންސޫރު އައްބާސް ބުނި ގޮތުގައި، މިހާރު ފެންނަން ހުރި އަދަދުތަކަށް ބަލާއިރު އެއްވެސް ފަރާތަކަށް ސަރުކާރެއް އެކުލަވާލެވޭކަށް ނެތެވެ.
މިހާރު ވެސް ކްނެސެޓްގައި ފަސް ގޮނޑި ތަމްސީލުކުރާ އަދި 2021 އިން 2022 އަށް އިޒްރޭލުގައި ވެރިކަންކުރި ކޯލިޝަންގައި ބައިވެރިވި ރާމް ޕާޓީގެ ލީޑަރު މަންސޫރު އައްބާސް އިތުރަށް ބުނީ، އިންތިހާބުގެ ކުރިންނާއި އިންތިހާބަށް ފަހު ވެސް މައިގަނޑު ދެ ކޯލިޝަނުން އެ ޕާޓީއާ ގުޅައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އިޒްރޭލުގެ ކުރީގެ ސަފީރެއް ކަމަށްވާ އަލޮން ޕިންކަސް އަލްޖަޒީރާއަށް ބުނީ، ކުރީގެ އެގްޒިޓް ޕޯލްތަކުން ކުޑަ ތަފާތަކުން ކުރީގައި އޮތް ކަމަށް ދެއްކި ގާދީ އެއިޒެންކޮޓް ފަދަ މީހުންގެ ޕާޓީތަކަށް ސަރުކާރެއް އެކުލަވާލުން އުނދަގޫވެދާނެ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރީ، ކެމްޕޭން ތެރޭގައި އަރަބި ޕާޓީތަކާ އެކު ކޯލިޝަން ނުހަދާނެ ކަމަށް އެ ޕާޓީތަކުން ވައުދުވެފައިވުމެވެ. އަދި އަރަބީން ސިޔާސީ ކަންކަމުން އެކަހެރިކޮށްފައި ބޭތިއްބުމަށް ފަހު، ހަމައެކަނި ވޯޓު ބޭނުންވާ ވަގުތު އެ މީހުންގެ ބޭނުން ހިފާ ގޮތަށް އޮންނަ އޮތުމަށް އަގެއް ދައްކަން ޖެހޭނެ ކަމަށް ޕިންކަސް ބުންޏެވެ. މީގެ އިތުރުން، ޔަހޫދީން އިސްވެ އޮންނަ ކޯލިޝަން ސަރުކާރަކުން ތާއީދު ނުކުރާ ފަދަ ޝަރުތުތަކެއް އަރަބި ޕާޓީތަކުން ކުރިމަތިކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އިންތިހާބު ކުރިއަށްދިޔަ އިއްޔެ، ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ކަނާއަތު ފިޔައިގެ ހަރުކަށި ކޯލިޝަނުން ވަނީ އެ ފަރާތްތަކަށް ތާއީދުކުރާ މީހުން ވޯޓުލުމަށް ނެރުމަށް އެންމެ ފަހު ވަގުތު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ފަލަސްތީނު ދަރިކޮޅުގެ ރައްޔިތުން ވޯޓުލާ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމުގެ އިންޒާރު ބެންޖަމިން ނަތަންޔާހޫ ދިންއިރު، އަރަބި ސިޔާސީ ފަރާތްތަކުން ވަނީ އެއީ ނަސްލީ ތަފާތުކުރުމާއި ފިތުނަ އުފެއްދުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށް އެކަން ކުށްވެރިކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކެއްގައި، އަރަބި މުޖުތަމައުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި ދިގު ކިއުތައް ހުރިކަން ފާހަގަކޮށް، މޫނުބުރުގާ އަޅައިގެން ތިބި އަރަބި އަންހެނުންތަކެއް ވޯޓުލާން ކިއުގައި ތިބި ކަމަށް ބުނެ ފޮޓޯއެއް ވެސް ބެންޖަމިން ނަތަންޔާހޫ އާންމުކުރިއެވެ.
ކްނެސެޓްގައި ހިމެނޭ ފަލަސްތީނު ދަރިކޮޅުގެ އިސް ދެ މެންބަރުންނަށް އިޝާރާތްކޮށް ބެންޖަމިން ނަތަންޔާހޫ ބުނީ، މިހާރު ހޭލައްވައި ނުލައިފި ނަމަ، ދެން ފެންނާނީ މަންސޫރު އައްބާސް އަދި އަހްމަދު ތީބީގެ ސަރުކާރެއް ކަމަށެވެ. އިޒްރޭލުގެ 10 މިލިއަން މީހުންގެ އާބާދީގެ ގާތްގަނޑަކަށް 21 އިންސައްތައަކީ އެ ގައުމުގެ ރައްޔިތުކަން އޮންނަ ފަލަސްތީނު ދަރިކޮޅުގެ މީހުންނެވެ. އާންމު ގޮތެއްގައި އެ މީހުން އިންތިހާބުތަކުގައި ވޯޓުލާ ނިސްބަތް ޔަހޫދީންނަށް ވުރެ ދަށެވެ.
