އިންޑިއާގެ ކަނޑުމަތީ ސިފައިން ރާއްޖޭގެ މަސްދޯނިފަހަރަށް އަރާފައި ވަނީ ރާއްޖޭގެ ސަރަހައްދުގައިކަން ނުވަތަ ނޫންކަން ސަރުކާރަށް ކަށަވަރުކުރެވިފައިވޭތޯ އާއި އެ ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ހާމަކޮށްދިނުމަށް، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންގެ އަރިހުން އެދިއްޖެއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ޣައްސާނާ ކުރެއްވުމަށް ހުށަހެޅުއްވި ސުވާލުގައި ވަނީ އިންޑިއާގެ ސިފައިން ރާއްޖޭގެ މަސްދޯނިފަހަރަށް އެރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން ނުވަތަ ނޫންކަން ސަރުކާރަށް ކަށަވަރުކުރެވިފައިވޭތޯ ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލާއި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަން ނިންމާފައިވާ ބަދަލުތައް ހާމަކުރުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.
މިދިޔަ ބުދަ ދުވަހު ހއ. ދިއްދޫގެ އިރު އުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ 'އަސުރުމާ 03' ނަމަކަށް ކިޔާ ދޯންޏަކަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އެރި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ އިތުރުން އެ ސަރަހައްދަށް ދިޔަ 'މާހޯރާ 3' އާއި 'ނިރު 7' އަށް ވެސް އިންޑިއާ ސިފައިން އެރި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
"ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަކަށް ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓްކުރުމެއް ނެތި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާ އިން ބޯޑުކޮށް ހިންގި އޮޕަރޭޝަނުގެ ތަފްސީލު ދެއްވުމަށް ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި 01 ފެބްރުއަރީ 2024 ގައި ވާނީ ރަސްމީކޮށް ދަންނަވައިފައެވެ." މިދިޔަ ހުކުރު ދުވަހުގެރޭ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދަންވަރު 12 ޖަހާކަން ހާއިރު 'މާހޯރާ 3' މަސް ދޯންޏަށް އިންޑިއާގެ ސިފައިން އަރައި ޗެކުކޮށް، އެ ދޯނީގައި ތިބި މަސްވެރިންނަށް ބިރު ދައްކާފައިވާ ކަމަށް، ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާ އިން ބުނެފައިވެއެވެ. އެ ޖަމިއްޔާ އިން އޭގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ، ބުދަ ދުވަހު 'އަސުރުމާ 3' ދޯންޏަށް އިންޑިއާ ސިފައިން އެރި އެރުން ކުށްވެރިކޮށް، އެކަން ތަހްގީގުކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.
މިކަމާ ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ދިވެހި ސަރުކާރުގެ ހުއްދަ އާއި ނުލާ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގެ ސަރަހައްދަށް ވަނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވީހާވެސް އަވަހަކަށް އެކަން ހިނގާފައިވާ ގޮތް ބަލައި ތަހުގީގުކޮށް އެކަމުގެ ތަފްސީލު ހާމަކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި އިންޑިއާގެ ސަރުކާރާ ވާހަކަ ދެކެވި ދެވަނަ ފަހަރަށް މިފަދަ މައްސަލައެއް ދިމާވިޔަ ނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަން ޖެހޭނެ ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.
ޣައްސާނާ ސުވާލުކުރުމަށްވުރެ ހަސަނުމެން އަމިއްލަ ނަފްސާ ސުވާލު ކުރުން މާ ރަގަޅުވާނެ. އެހެނީ ހަސަނަކީ ވެސް އިންޑިއާ ސިފައިން މިގައުމުން ބާލަން ބޭނުން ނުވާ މީހެއް.