ދަ ޑިމޮކްރެޓްސް ޕާޓީގެ އިސް ބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުން ބާއްވާފައި ވަނީ އިއްޔެ ރައީސް އޮފީހުގައެވެ. މިބައްދަލުކުރެއްވުމުގައި ޑިމޮކްރެޓުންގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ރައީސް ހަސަން ލަތީފްގެ އިތުރުން އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުއެވެ.
މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ ލާމަރުކަޒީ ނިޒާމަށް ގެންނަން އުޅޭ ބަދަލުތަކާއި ރާއްޖޭގެ މާލީ ނިޒާމު އިސްލާހު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ.
އަދި އެ މަސައްކަތްތަކުގައި ޑިމޮކްރެޓުންނަށް ބައިވެރިވެވެން އޮތް ގޮތްތައް ބަލާ އެ ކަންކަމަށް ސަރުކާރަށް އެއްބާރުލުން ދެވޭނެ ކަންކަމާމެދު ޑިމޮކްރަޓުން ވަނީ ރައީސް އާއެކު މަޝްވަރާ ކުރައްވާފައެވެ. ހަމައެހެންމެ ގާނޫނު އަސާސީ އިސްލާހު ކުރުމާއި އިގުތިސޯދީ ކަންކަމުގައި ޑިމޮކްރަޓުންގެ އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް އަށް ވަނީ އެ ޕާޓީގެ ފަރާތުން އަރުވާފައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން މިއީ އެ ޕާޓީއާއި ބައްދަލު ކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ބައްދަލު ކުރައްވާފައި ވަނީ މިދޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ މަޝްވަރާތަކާއި ގޫޅޭ އެއްވެސް މައުލޫމާތެއް ދެ ފަރާތުންވެސް ހިއްސާކޮށްފައި ނުވެއެވެ. އެފަހަރު އެމްޑީއޭގެ ރައީސް، ސިޔާމްއާ ވެސް ރައީސް ވަނީ ބައްދަލު ކުރައްވާފައެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޑިމޮކްރަޓުން ބައިވެރިވި ނަމަވެސް އެ ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ވެފައި ނުވެއެވެ. އެއަށްފަހު އެ ޕާޓީން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކީ ނަމަވެސް ފަހަކަށް އައިސް އެފަދަ ފާޑު ކިޔުންތައް މަދުކަން ފާހަގަ ކޮށްލެވެއެވެ.