ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ، މިހާރު ވެސް އެ ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ބިލްބޯޑުތަކަށް ގެއްލުން ދިން މައްސަލަ ޕޮލިހަށް ހުށަހަޅައިފިއެވެ.

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވާ ހަސަން ލަތީފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެމްޕޭނު ކުރަން ހަރުކޮށްފައިވާ ބިލްބޯޑުތަކަށް ގެއްލުންދިނުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށާ، އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ހަސަން ލަތީފު އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުން ބައެއް ބިލްބޯޑުތަކުން އޭނާގެ މޫނު ވަނީ ކަނޑައި ނަގާފައެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ބައެއް ބިލްބޯޑުތަކަށް ގެއްލުން ދީފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގެ ފޯރިގަދަވެފައިވާ މި ދުވަސްވަރު، ފަރެސްމާތޮޑާ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ޒައީމްގެ ގަޔަށްވެސް ބަޔަކު ވަނީ ކަޅު ތެޔޮ ޖެހާފައެވެ، މި މައްސަލަ އެ ޕާޓީން ވަނީ މާޗް 8 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައެވެ.