ރާއްޖޭގައި ސްކޫލަށް ނުގޮސް ތިބޭ ކުދިންގެ އަދަދު ހަތަރު ހާހަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރައްވައި، ކުރީގެ ރައީސް އަދި އެމްޑީޕީ ގެ ރައީސް މުހައްމަދު ނަޝީދު އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ "ހޯމް ސްކޫލިން" ޕްރޮގްރާމެއް ތައުލީމުގެ ގާނޫނުގައި ތައާރަފްކުރުން ހިމަނާ، ކުޑަކުދިންނަށް ތައުލީމު ދިނުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ތައުލީމުގެ ގާނޫނަށް ޖުމްލަ 42 އިސްލާހު ހުށަހަޅުމާ ގުޅިގެން އެކަމަށް އިޝާރަތްކުރައްވަމުންނެވެ.
އެގޮތުން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިހާރުވެސް 4,000 އަށްވުރެ ގިނަ ކުދިން ގަވައިދުން ސްކޫލަށް ހާޒިރުނުވާކަން ހާމަކުރައްވާފައެވެ. އަދި ހޯމް ސްކޫލިން ގެ ނަމުގައި ރާއްޖޭގެ ޒުވާން ޖީލު މަގުފުރައްދައި، ހަލާކުކޮށްލުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ހޯމް ސްކޫލިން ތައާރަފުކުރުމާއި ގުޅޭ ގޮތުން ނަޝީދު ކަންބޮޑުވުންފާޅުކުރައްވާފައިވާއިރު 2025 ވަނަ އަހަރު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މުރުން ދެ އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން އެކި ގޮތްގޮތުން ތައުލީމު ހާސިލްކުރަމުން އަންނަނީ 91 ޕަސެންޓް ކުދިންނެވެ. ބާކީ ނުވަ ޕަސެންޓް ކުދިންނަށް، އެކި ހުރަސްތަކުގެ ސަބަބުން ސްކޫލަށް ނުދެވޭކަން ފާހަގަކޮށްފައިވާއިރު އެއީ 9،450 ކުދިންނެވެ.
އެ ރިޕޯޓުގައި ކުދިން ސްކޫލަށް ނުދާ ސަބަބުތައްކަމަށް ފާހަގަކޮށްފައިވަނީ ޕްރީ-ސްކޫލް ތައުލީމު (2-5 އަހަރު) ލާޒިމް ނުވުމާ، މާލެއާ އަޅާ ބަލާއިރު ހާއްސަކޮށް ރަށްރަށުގައި ޕްރީސްކޫލްތައް މަދުވުމެވެ. އަދި ރަށްރަށުގައި މަތީ ސާނަވީ އަށް ކިޔެވޭނެ ފުރުސަތު މަދުވުމާއި، ރާއްޖޭ އެކި ހިސާބުތަކުގައި ހުރި ތައުލީމީ ފުރުސަތުތަކާއި ވަސީލަތްތަކުގެ ފަރަގު ބޮޑުވުން ހިމެނެއެވެ. މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
ކުޑަކުދިންނަށް ތައުލީމު ދިނުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގައި މިކަންތައްތަކަށް އަލިއަޅުވާލާފައިވާއިރު "ހޯމް ސްކޫލިން" ޕްރޮގްރާމެއް ތައުލީމުގެ ގާނޫނުގައި ތައާރަފްކުރުމަށް ހުށަހަޅާފައިވަނީ ކުދިންގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތަށް ބަލައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށެވެ. އަދި ހޯމް ސްކޫލިންގެ ދަށުން ތައުލީމު ފޯރުކޮށްދެވޭނެ ޝަރުތުތައްވެސް މި އިސްލާހުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.
