ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި، 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކުގެ މައްސަލަތަކަކީ ފުލުހުންގެ އިދާރާއިންނާ، ކަމާބެހޭ މުވައްސަސާތަކުން އެންމެ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލަމުން އަންނަ ކަންކަން ކަމަށްވާއިރު، މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފައިވާކަން، އަދި މައްސަލައިގެ އިތުރު ތަފްސީލުތައް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ވަނީ ޖިންސީ ގޯނާކުރި މީހާގެ ފޮޓޯ އާއި މި ހާދިސާގެ އިތުރު ތަފްސީލުތައް ހާމަކޮށް އެމީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާއާއި ޖިންސީ ގޯނާގެ މައްސަލަތަކަކީ މުޖުތަމައުގައި ނުރައްކާތެރި މިންވަރަކަށް އިތުުރުވަމުން އަންނައިރު، މިފަދަ ކަންކަމުގައި ކަމާބެހޭ މުވައްސަސާތައް ގުޅިގެން އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ގިނަ ބަޔަން އަންނަނީ ގޮވާލަމުންނެވެ.
