އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާއަށް ތާވަލްކޮށްފިއެވެ.
ގާނޫނުއަސާސީ ބުނާގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ހިނގަމުންދާ އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ހުށަހަޅަން ޖެހެއެވެ. މިމަހުގެ އެންމެ ފަހު ދުވަހަކީ ހޮނިހިރު ދުވަހަކަށް ވާތީ، ބަޖެޓު ހުށަހެޅުމަށްޓަކައި ބުރާސްފަތި ދުވަހުހާއްސަ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މެންބަރުންނަށް އަންގަވާފައެވެ.
އާންމުކޮށް ބުރާސްފަތި ދުވަސްތަކަކީ މަޖިލީހުގެ ޖަލްސާތައް އޮންނަ ދުވަސްތަކެއް ނޫން ނަމަވެސް، ގާނޫނީ ލާޒިމުކަމެއްގެ ސަބަބުން މާދަމާ މެންދުރުފަހު 13:30 ގައި ޖަލްސާ ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ އިއުލާނުކުރައްވާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމްލަ އަދަދާއި ތަފުސީލުތައް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
