މާލެއިން އަރަބިއްޔާ ސްކޫލު އަޅަން އެކަށީގެންވާ ބިމެއް ކަނޑައަޅައި، އެތަނުގައި ޒަމާނީ ސްކޫލެއް އަޅުއްވައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ށ. އަތޮޅު ކަނޑިތީމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އަރަބިއްޔާ ސްކޫލަކީ މި ސަރުކާރުން ވަރަށް އިހުމާލުވެފައިވާ ތަނެއް ކަމަށާއި އެ އިމާރާތް ހަލާކުވެގެން ދާން ފެށުމުން ސްކޫލު ބެލެނިވެރިންނާއި ސްކޫލު ކުދިންނާއި އެތައް ރައްޔިތުންނެއް އާދެސް ކުރުމުން ވަގުތީ ގޮތުން ޓިނުން ހަދާފައި ހުރި ގުދަނަކަށް ގެންގޮސް ލިކަމަށެވެ.

މުއިއްޒު ވަނީ އަރަބިއްޔާ ސްކޫލަށް ބޭނުންވާ ވަރުގެ ބިމެއް މާލޭގައި އޮތް ނަމަވެސް ސަރުކާރުން، ރައްޔިތުންނަށް އަދި އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނަށް ދިނީ ވަރަށް ބޮޑު ދޯކާއެއް ކަމަށެވެ.

އެންމެ ބާރުބޮޑު އެންމެ ތޮއްޖިފަ އޮތް ސަރަހައްދު ބަލާފަ މައްޗަން ގޯޅީގައި އިން ވަރަށް އުނދަގޫ ސަރަހައްދެއްގައި ވަށައިގެން މަގު ނުކޮށްފިއްޔާމުދުއްވަންވެސް އުނދަގޫވާނެ ބިމެއް ނެގީ، ނަގާފަ އަދި އެތަން ވެސް ނުދޭ، އެތަނުގައި ކޮންމެ ގޮތެއް ވިއަސް ޖަމާލުއްދީން ސްކޫލު އެކްޓެންޑު ކުރަން ޖެހޭނީ، އެކަމަށް އެއްބައި ނަގަން ޖެހޭ ތަނެއްކަން އެނގިހުރެ، އޮޅުވާލަފައި އެތަނަކީ އަރަބިއްޔާ ސްކޫލު ބިން ކަމަށް ކަނޑައެޅީ، ކަނޑައަޅާފައި އެކަމެއް ނުކުރޭ، އަރަބިއްޔާ ސްކޫލަކަށް ޖާގައެއް ނުލިބޭ، މިހެން މިކަން މިދަނީ،
މުއިއްޒު

މާއިއްޒު ވިދާޅުވީ، މާލެ ބިމުގައި އަރަބިއްޔާ ސްކޫލު އެޅޭނެވަރުގެ ބިން އެބައޮތް ކަމަށާއި އެހެންކަމުން ލޭންޑް ސްކޭޕް ޕްލޭންގައި ވަރަށް ބޮޑު އިސްކަމެއް މިކަމަށް ދީފައިވާ ކަމަށެވެ.

މުއިއްޒު ވަނީ ފުރަ މާލެގައި އަރަބިއްޔާ ސްކޫލު އަޅަން އެކަށީގެންވާ ބިމެއް ކަނޑައަޅައި، އެތަނުގައި ޒަމާނީ ސްކޫލެއް އަޅާއިދީ، ޒަމާނަށް ފެތޭގޮތަށް އަރަބިއްޔާ ސްކޫލު ހިންގުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަރަބިއްޔާ ސްކޫލަށް މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފަިއވާ ކަމަށް އަބަދުވެސް އަޑުއިވެމުން ދާއިރު ސަރުކާރަށް އެކަމާ ގުޅިގެން ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކުލާސްތައް ވަނީ މިދިޔަ ދިރާސީ އަހަރުތެރޭ ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ. އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބާޖަމާލުއްދީން ސްކޫލު ކުރިން ހިންގި ބިން ހަމަޖައްސާފައި ވާއިރު އެ އިމާރާތް އެޅުމަށް ވަނީ އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައެވެ.

420 ދުވަހުގެ ތެރޭގައި ނިންމުމަށް، އަމީން ކޮންސްޓްރަކްޝަނާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކޮށްފައިވީ ނަމަވެސް ބިން ސާފު ކުރުން ފިޔަވާ އިތުރު އަމަލީ މަސައްކަތެއް ފަށާފައި ނުވެއެވެ. މި މަޝްރޫއު ހިންގުމަށް ޖުމްލަ 168 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.