ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތް ލީބިޔާގައި ހަތިޔާރު އެޅި ދެ ގްރޫޕެއްގެ ދެމެދުގައި ބަދަލު ކުރި ހަމަލާތަކުގައި މިހާތަނަށް 27 މީހަކު މަރުވެ 100 އެތައް މީހަކު ޒަހަމްވެއްޖެއެވެ.
ލީބިޔާގެ ވެރިރަށް ޓްރިޕޮލީގެ ދެކުނު ބިތުގައި ހަރަކާތްތެރިވާ މި ދެ ޖަމާއަތުން އެއްބަޔަކު އަނެއް ބަޔަކަށް ބަޑިއާއި ގޮވާތަކެތިން ހަމަލާ ދިން އިރު ބައެއް އިމާރާތައް ވެސް ވަނީ ގޮއްވާލާފައެވެ.
ހަމަލާތައް ފެށުމީ 444 ބްރިގޭޑްގެ ކޮމާންޑަރު މަހްމޫދު ހަމްޒާ ޓްރިޕޮލީގެ މިޓީގާ އެއާޕޯޓުން ފުރަން އުޅެނިކޮށް އިދިކޮޅު ސްޕެޝަލް ޑިޓަރެންސް ފޯސް އިން އޭނާ ހައްޔަރު ކުރުމުންނެވެ. މިޓިގާ އެއާޕޯޓަކީ އެ ފޯސްގެ ކޮންޓްރޯލްގައި އޮންނަ އެއާޕޯޓެކެވެ.
އޭނާ ހައްޔަރު ކުރި ސަބަބު ސާފު ނުވިނަމަވެސް، ވަކި އަތަކަށް ނުޖެހޭ ފަރާތަކާ އޭނާ ހަވާލު ކުރަން އދ އިން ގަބޫލު ކުރާ ގުޅިފައިވާ ސަރުކާރާ އެކު ކުރި މަޝްވަރާތަކުން މިހާރު އެއްބަސްވެފައި ވުމުން ހަމަލާތައް ހުއްޓާލާފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.
ލީބިޔާގެ ނިއުސް އެޖެންސީ ލަނާ އިން ހަބަރު ދޭގޮތުގައި ހަމަލާތައް ހުއްޓާލައި ހުރިހާ ފަރާތަކުން އެއްބަސްވީ، އާންމުންނާއި އިމާރާތްތަކާއި ތަކެއްޗަށް ލިބިފައިވާ ގެއްލުން ގުޅިފައިވާ ސަރުކާރުން ވަޒަން ކުރުމަށް ފަހު ބަދަލު ދިނުމަށާއި ހަމްޒާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.
2011 ގައި ނޭޓޯގެ ގައުމުތަކުން ލީބިޔާ އަށް އަރާ އެގައުމުގެ އޭރުގެ ރައީސް ކާނަލް މުއައްމަރުން ގައްޒާފީ އަވަހާރަކޮށްލި ފަހުން ދާހިލީ ހަނގުރާމަ ފެށި، ގިނަ އަދަދެއްގެ މީހުން މަރުވުމުގެ އިތުރުން މުޅި ލީބިޔާ ސުންނާފަތި ވެގެން ދިޔައެވެ. އިމާރާތްތަކާއި ތަކެއްތާއި އުމްރާނީ ވަސީލަތްތައް ފުނޑުފުނޑު ވެގެން ދިޔައެވެ. އެތެރޭގައި އުފެދުނު ގްރޫޕުތަކުން ހަތިޔާރު ނަގައި، އެއްބައެއްގެ މައްޗަށް އަނެއް ބަޔަކު ބާރު ހޯދަން ހަމަލާ ދެމުން ދިޔައެވެ. އޭގެ އަހަރުތަކެއް ފަހުން 2014 ގައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލައި ސުލްހަވެރިކަން ގާއިމުކޮށްގެން ތިބުމަށް ފަހު މިއީ ހިނގި އެންމެ ބޮޑު ކުރިމަތިލުމެވެ.