އިގްތިސޯދީ ފުން ވަޅުގަނޑެއްގައި އޮތް ޓިއުނީޝިއާ ދޫކޮށް ލީބިއާ އަށް ހިޖުރަކުރަން ބޯޑަރު ހުރަސް ކުރަން ދާ އެތައް ބަޔަކު ގަދަ ހޫނަށް ކެތް ނުވެ ކަރުހިއްކައިގަތުމާއި ހައިހޫނު ކަމުގައި މަރުވަމުން ދާ ކަަމަށް ލީބިޔާގެ އިދާރާތަކުން ބުނެފިއެވެ.
ލީބިއާގެ އިދާރާތަކުން ބުނީ ފާއިތުވި ދެތިން ހަތަރު ދުވަހެއްގެ ތެރޭގައި މަރުވެފައި ތިބި 27 މީހަކު ސަހަރާތެރެއިން ފެނިފައި ވާ ކަމަށާއި، އެމީހުން ފެނުނީ ޓިއުނީޝިއާގެ އުތުރު ބިތާއި ލީބިއާ ގުޅޭ ބޯޑަރާ ދިމާއިން ބޮޑު ސަރަހައްކުން ކަމަށެވެ. މަރުވެފައި ތިބި މީހުން ތިބީ އެކި ދިމަދިމާއިން ވަންނަން މަސައްކަތް ކޮށްފައި ކަމުން ހަށިގަނޑުތައް ވެސް ހުރީ އެކި ދިމަދިމާގައި ކަމަށް އިދާރާތަކުން ބުނެއެވެ.
ދުވާލެއްގެ މައްޗަށް 150 އެއްހާ ރެފިއުޖީން ކޮންމެ ދުވަހަކުހެން ހުރަސް ކުރާ އެ ބޯޑަރުގައި މިވަގުތު ހޫނުމިން ހުރީ 40 ޑިގްރީ ސެލްސިއަސް އަށްވުރެ މަތީގައި ކަމަށާއި، ކާނާ އާއި ބޯފެން ނެތި އެތައް ދުވަހަކު ސަހަރާ ތެރޭގައި ހިނގަން ޖެހުމަކީ އެމީހުން މަރުވާން ދިމާވާ ސަބަބު ކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފައެވެ.
ލީބިއާގެ އޮފިޝަލުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ތުހުމަތު ކުރަނީ، އެހާ ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ހުރަސް ކުރަމުން ދަނީ، ޓިއުނީޝިއާއިން ގަދަކަމުން އެމީހުން ބޭރުކޮށްލާތީ ކަމަށެވެ.
ޓިއުނީޝިއާ އިން ވަނީ، އެގައުމުގެ ރައްޔިތަކު ބަނދަރުމަތީ ރަށެއް ކަމަށް ވާ އެސްފެކްސް ގައި ަމރުވި ހާސިދާއަކާ ގުޅިގެން އެފްރިކާގެ ކަޅު ނަސްލުގެ މީހުންނާއި ޓިއުނީޝިއާގައި ތިބި ހިޖުރަވެރިން އެގައުމުން ބޭރުކުރަން ފަށާފައެވެ. އެގޮތުން ހުސްވި ޖުލައި މަހުން ފެށިގެން ބޯޑަރު ހުރަސްކުރާ މީހުން ގިނަވެފައި ވާ ކަމަށް ލީބިއާގެ އިދާރާތަކުން ބަނީ ބުނެފައެވެ.