ލީބިޔާގެ އިރުމަތީ ބިތުގެ ދެރްނާ އަށް އެރި ތޫފާން ޑެނިއަލްގައި މުޅި ސިޓީ ސުންނާފަތިވެފައި ވާއިރު މަރުވި މީހުންގެ އަދަދު 20،000 އަށް އަރާނެ ކަމަށް ލަފާކޮށްފިއެވެ.

އެ ސިޓީގެ މޭޔަރު އަބްދުލްރެހެމާން އަލް ގައިތީ ވިދާޅުވީ، ފެންބޮޑުވެ ސުންނާފަތިވި އަވަށްތަކަށް ބަލާއިރު، މަރުވި މީހުންގެ އަދަދު 20،000 އަށް އަރާނެ ކަމަށެވެ.

ގާތްގަނޑަކަށް 100،000 މީހުންގެ އާބާދީއެއް އޮތް އެ ސިޓީއަށް ޑެނިއަލް އަރައިގެން ދިޔަ އިރު ކޯރުތައް ފުރި ފެން ހިފަހައްޓަން ގާއިމުކޮށްފައި ހުރި 2 ޑޭމް ފަޅައިގެން ދިޔަ ވަގުތު ބާރު ޕްރެޝަރުގައި ސިޓީގެ ތެރެއަށް ފެންގަނޑު ވަދެގެން ދިޔައީ ބިރިވެރި ގޮތަކަށެވެ. ފެންގަނޑުގެ ބާރު މިނުގައި ކުރިމަތިން ޖެހުނު ކޮންމެ އެއްޗެއް ފުނޑުފުނޑުވެ ބިމާހަމަވަމުން ދިޔަ އިރު އެއްގަމުގައި ދުއްވާ ވެހިކަލްތަކާއި މީހުންތައް ދިޔައީ ފެންގަނޑުގެ ތެރެއަށް ޣަރަގުވެ ފޮރުވެމުންނެވެ.

ސިޓީގެ ބޮޑު ސަރަހައްދެއް ފެނުގެ އަޑިއަށް ދިޔަ އިރު، ފެނާއެކު ދައުރުވަމުން ދިޔަ ކިސަޑުތަކުގެ ތެރެއިން މީހުން ހޯދުމަށް އޮފިޝަލުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވިއެވެ. ބައެއް ސަރަހައްދުތަކުން ފެންހިނދި ކައިރި ވެވޭވަރު ވުމުން ބެލި އިރު، އެތަންތަން ވަނީ ވެއްޔާއި ވެއްޓިފައި ހުރި އިމާރާތްތަކާއި ގާކުނޑިން ފޮރުވިފައެވެ.

އަރައިގެން އައި ސުނާމީއެއް ފަދަ އެ ތޫފާނުގައި އެތައް ބަޔަކު ކޯރާ ގުޅިފައި އޮންނަ ކަނޑަށް ދަމައިގަނެގެން ދިޔަ އިރު ވަޅުލެވި މަރުވެފައި ވާ މީހުންގެ ހަށިތައް އެތަން މިތަނުގައި ހުއްޓާ ވަނީ ފެނިފައެވެ.

އިދާރާތަކުން ބުނީ މިހާތަނަށް 5300 މީހެއްގެ ހަށިގަނޑު ފެނިފައި ވާ އިރު މަރުވި މީހުންގެ ތެރޭގައި ލީބިޔާގައި އުޅޭ ސޫދާނާއި މިސްރަށް ނިސްބަތް ވާ 400 މީހެއްގެ ހަށިގަނޑުވެސް ފެނިފައި ވާ ކަމަށެވެ.

މިހާތަނަށް 3190 މީހަކު ވަޅުލާފައި ވާ އިރު، އޭގެ ތެރެއިން ގިނަ ބަޔަކު ވަޅުލާފައި ވަނީ ބޮޑު އެއްވަޅުގަނޑު ކޮނެ އެ ވަޅުގަނޑުގައެވެ. ކޮންމެ މީހަކު ލާނެ ސަންދޯކެއް ނެތުމުން ގިނަ މީހުން ވަޅުލާފައި ވަނީ ބޮޑީ ބޭގާއި ބްލޭންކެޓް ފަދަ ފޮތިގަނޑުގަނޑު އޮޅާލައި ހަށިގަނޑު ފޮރުވައިގެންނެވެ.

އެހީއަށް އެދި ލީބިޔާގެ އިރުމަތީ ބިތުގެ ސަރުކާރުން ގޮވާލާފައި ވާ އިރު، މިސްރާއި އެމެރިކާ، އިޒްރޭލް، ފްރާންސް ފަދަ ގައުމުތަކުން ވަނީ އެހީދޭން ހުށަހަޅާފައެވެ.