ލީބިޔާގެ އިތުމަތީބިތުގެ ސިޓީއެއް ކަމަށް ވާ ދެރްނާ އަށް އެރި ތޫފާން ޑޭނިއަލްގައި އެ ސިޓީ އެށްކޮށް ދޮވެލި [ފެން ބޮޑުވެ ފޮރުވިގެން ދިޔަ] އިރު، މަރުވި މީހުންގެ އަދަދު 2300 އަށް އަރައިފިއެވެ. އިތުރު 10،000 މީހުން އަދިވެސް ނުފެންނަ އިރު، މަރުވި މީހުންގެ ހަށިތައް ވަޅުލީ ބޮޑު އެއް ވަޅުގަނޑެއް ކޮނެ އެންމެން އެއްކޮށެވެ.

ގެއްލިފައި ވާ މީހުން ހޯދުމުގެ މަސައްކަތުގައި އޮފިޝަލުން ހަރަކާތްތެރިވަމުން ދާއިރު އަންދާޒާ ކުރެވޭގޮތުން މަރުވި މީހުންގެ އަދަދު ހާހުން ހާހުން މަތިވެގެން ދާނެއެވެ.

ރެސްކިއު މަސައްކަތުގައި ހަރަކާތްތެރިވާ ވޮލަންޓިއަރަކު ބުނީ، މަރުވެފައި ވާ މީހުންގެ ހަށިތައް ވަޅުލީ އިތުރު ގޮތެއް ނެތިގެން ބޮޑީ ބޭގާއި ބްލޭންކެޓްތަކަށް ލައި އޮޅާލާފައި ކަމަށެވެ. އޭނާ ވަނީ، ކިރިޔަވެސް ކިޔައިވެގެން ހުރި މީހަކު ހުރިއްޔާ ރެސްކިއު މަސައްކަތުގައި އެހީތެރިވެ ދިނުމަށް ދިޔުމަށް ވެސް ގޮވާލާފައެވެ.

އޮފިޝަލުން ބުނާ ގޮތުގައި، ލީބިޔާއަށް އެރި ތޫފަނަކީ ސުނާމީއެއް ފަދައިން އަރައިގެން އައި ތޫފާނެކެވެ. އެ ތޫފާނުގައި ދެރްނާ އެއްކޮށް ދޮވެވިގެން ދިޔައީ ދެރްނާގެ ކޯރެއް ފުރި ބަންޑުން ވަމުން ދިޔަ އިރު ސިޓީއަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށް ހަދާފައި ހުރި ޑޭމް ފަޅައިގެން ގޮސްގެންނެވެ.

ތޫފާނުގައި ސުންނާފަތިވެފައި ވާ ސަރަހައްދެއް

އެހީގެ ތަކެތި ކައިރީގައި އޮންނަ މިސްރުން ލިބެން ފަށާފައި ވީ ނަމަވެސް، ލީބިޔާގައި ހިނގަމުން ދާ ދާހިލީ ހަނގުރާމަ އާ ހެދި މީހުން ހޯދުމާއި އެނޫންވެސް ރެސްކިއު މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ.

އެމެރިކާ، ޖަރުމަން، އީރާން، އިޓަލީ، ގަތަރު އަދި ތުރުކީން ވެސް ވަނީ އެހީތެރިކަން ފޯރުކޮށް ދޭން ހުށަހަޅާފައެވެ.

އެކްސްޕާޓުން ބުނާ ގޮތުގައި ސިޓީ ތެރެއަށް ފެންގަނޑު ވަންނަން ދިމާވީ 12 ކިލޯމީޓަރުގެ ޑޭމް ފަަޅައިގެން ގޮސް އައި ޕްރެޝަރުގައި ވެލީ އާ ކައިރީގައި ހުރި ދެވަނަ ޑޭމްވެސް ހަލާކުވުމުގެ ސަބަބުންނެވެ. ޑޭމް އަކީ ކޯރު ފަދަ ތަންތަނުގެ ފެންގަނޑު ހިފެހެއްޓުމަށްޓަކައި ގާއިމު ކޮށްފައި ހުންނަ ބޮޑު ފާރެކެވެ. ނުވަތަ ހުރަހެކެވެ.

ގާތްގަނޑަކަށް 100،000 އެއްހާ މީހުން ދިރިއުޅެ އެސިޓީގެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ސިޓީ އޮތީ އެކީއެކަށް ފެނުގެ އަޑީގައެވެ. ބައެއް މީހުން އެ ފެންގަނޑުގެ ބާރާއެކު ކޯރުތެރެއިން ކަނޑަށް ދަމައިގެންފައި ވާ އިރު ސަލާމަތް ވުމަށް މަސައްކަތް ކުރަމުން ދިޔަ މީހުން ގޭގޭގެ ފުރާޅު މައްޗަށް އަރާ ތިބި މަންޒަރުވެސް ފެނިފައި ވެއެވެ.

ހަނގުރާމަވެރި ދެ ޖަމާއަތެއްގެ ކޮންޓްރޯލްގައި އޮތް ލީބިޔާގެ އިތުމަތީ ބިތުގެ ހެލްތް މިނިސްޓަރު އޮތަމަން އަބްދެލްޖަލީލް ވިދާޅުވީ، ދިމާވި ހާދިސާ އަކީ، އެ ސަރަހައްދުގެ ސަރުކާރާއި ހުރި ވަސީލަތްތަކަށް ކޮންޓްރޯލް ވާވަރަށް ވުރެ ބޮޑު ހާދިސާއެއް ކަމަށެވެ.

ލީބިޔާގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީ 2011 ގައި އަވަހާރަ ކޮށްލި ފަހުން އެގައުމަށޤ ހަމަޖެހުމެއް އަދި ނާދެއެވެ. ހަތިޔާރު އެޅި އެކިއެކި ޖަމާއަތްތަކުން ކޮންޓްރޯލް ހޯދުމަށް ދަނީ ހަނގުރާމަ ކުރަމުންނެވެ. އެކަމާހެދި ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި އޮންނަ ސަރުކާރާއި އިރުމަތީގައި އޮންނަ ސަރުކާރު ބަލައިގަތުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ވެސް ވަނީ މަޖުބޫރުވެފައެވެ. މި ހާލަތާއެކުވެސް ވެރިރަށް ޓްރިޕޮލީގައި އޮންނަ ސަރުކާރުން ވަނީ، 80 ޑޮކްޓަރުންނާއި ބޮޑީ ބޭގާއި 14 ޓަނުގެ ބޭހުގެ ސާމާނު އިތުމައްޗަށް ފޮނުވާފައެވެ.

އިތުމަތީ ބިތުގައި ވަކިވެގަތުމަށް ފުރަތަމަ ސަރުކާރު އުފެއްދީ އެގައުމުގައި ހަރަކާތްތެރި ވި އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންނެވެ. ނަމަވެސް އޭގެ އަހަރުތަކެއްގެ ފަހުން ހަގުރާމަވެރިޔާ ޖެނެރަލް ހަލީފާ ހަފްތާރަށް ވަފާތެރި ލީބިޔަން ނެޝަނަލް އާމީން އެމީހުން ފައްސާލައި މިހާރު އޮންނަނީ ހަފްރާތުގެ ސަރުކާރެކެވެ.