ލީބިޔާއަށް އެރި ބިރުވެރި ތޫފާން ޑެނިއަލްގައި މަރުވެ އޮޔާދާ މީހުންގެ ހަށިތައް 60 މޭލު ދުރުން ފެނިފައި ވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކޯރު ފުރި ބަންޑުންވެ ޑޭމް ފަޅައިގެން ގޮސް ސުނާމީއެއްހެން އަރައިގެން އައި ފެންގަނޑުގެ ބާރު މިނުގައި އެތައް ހާސް ބަޔަކު ޣަރަގުވެގެން ދިޔަ އިރު، އޮޔާ ދަމައިގަނެގެން ދިޔަ މީހުންގެ ހަށިތައް ތޫފާން އެރި ދެރްނާ އާ 60 މޭލު ދުރުން ވަނީ ފެނިފައެވެ. ދެރްނާގެ އެތަން މިތާނގައި ވަޅުވެލިފައި ވާ ހަށިތަކާއި ގެއްލިފައި ވާ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު މަސައްކަތުގައި އުޅޭ ފަރާތްތަކުން ކުރާ އިރު، ދެރްނާ އާ 150 ކިލޯމީޓަރު ދުރުގައި ދިރިއުޅޭ ބައެއް މީހުން ބުނީ، ކޯރާ ގުޅިފައި އޮތް ކަނޑުން އޮޔާދާ ހަށިތައް ފެނިފައި ވާ ކަމަށެވެ.

މިހާތަނަށް 10،000 މީހުންގެ ހަށިގަނޑު ފެނިފައި ވާއިރު ނުފެންނަ 10،000 އެއްހަ ހަށިގަނޑުވެސް ވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަރުވި މީހުންގެ އަދަދު 20،000 އިން މައްޗަށް އަރާނެ ކަމަށް ލަފާ ކުރެވޭ އިރު، ސަލާމަތް ވި ބައެއް މީހުން ބުނީ، ކޯރު ފުރި ޑޭމް ފަޅައިގެން ގޮސް ފެންގަނޑު ސިޓީގެ ތެރެއަށް ވަދެގެން އައި އިރު 23 ފޫޓުގެ އުސްމިނަށް ރާޅު އުފެދިފައި ހުރި ކަމަށެވެ.

ރުޅިވެރިކަމާއެކު އަރައިގެން އައި ފެންގަނޑުގައި އިމާރާތްތައް ފުނޑުފުނޑުވެ ބިމާ ހަމަވަމުން ދިޔައިރު ކިސަޑާއި ވެލި އަދި ގާކުނޑި އެއްވަމުން ގޮސް ފެންގަނޑު ހިނދުނު އިރު ސިޓީގެ އެކި ހިސަބުތައް ވަނީ ކޮންކްރީޓާއި ވެލި އެޅި 13 ފޫޓު އުސްމިނަށް ފޮރުވިފައެވެ.

ހާލުގައި ޖެހިފައި ވާ މީހުންނަށް އެހީވުމަށް ގިނަ އަދަދެއްގެ އޮފިޝަލުން ހަރަކާތްތެރި ވަމުން އަންނަ އިރު މިއީ ލީބިޔާގެ ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު އެއް ކަރިސާ ކަމަށް ދިރަސާ ކުރާ ފަރާތްތަކުން ބުނެއެވެ.