ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގަތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ސަޕޯޓަރުން ކުރަމުން ދިޔަ އިހުތިޖާޖުގެ ތެރެއިން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

އިހުތިޖާޖުގެ ބައިވެރިން ގޮވަމުން ދަނީ ރައީސް ސޯލިހުގެ އިސްތިއުފާއަށާއި ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށެވެ. އަދި ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްވެސް އިހުތިޖާޖުގެ ބައިވެރިން އަންނަނީ ގޮވަމުންނެވެ.

އެ އިހުތިޖާޖުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިކަން ފާހަގަ ކުރެވޭއިރު އެއާޕޯޓު ކައިރިއަށް އެއްވެ އިދިކޮޅުން އަޑުގަދަ ކުރި ނަމަވެސް އެއްވުން ރޫޅާލުމަށް ފުލުހުން ޕެޕާ ސްޕްރޭ ވެސް ޖެހިއެވެ. އަދި ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ޕީޕީއެމްގެ ސަޕޯޓަރުން ބޭނުން ކުރަމުން ދިޔަ ވެހިކަލާއި ލައުޑް ސްޕީކަރުތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އިހުތިޖާޖުގެ ބައިވެރިން ދަނީ ރައީސް ސޯލިހަށް ފުވައްމުލަކުން 10 ޕަސެންޓް ވޯޓުވެސް ނުލިބޭނެ ކަމަށް ގޮވަމުންނެވެ. އަދި މިހާރު އިދިކޮޅުގެ އިހުތިޖާޖު ހިނގާލުމަކަށް ވަނީ ބަދަލުކޮށްލާފައެވެ.

މީގެ ކުރިންވެސް ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަތުމުން އިދިކޮޅުން ވަނީ މިފަދަ ގޮތަކަށް އިހުތިޖާޖު ކޮށްފައެވެ.