ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލަށް ސިޔާސީ ޕާޓީތަކާ، ޖަމްއިއްޔާތަކުގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މި ހުށަހެޅުން ހުށަހެޅުއްވީ ކޮމިޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. މި ބިލަށް ޕާޓީތަކާއި ޖަމިއްޔާތަކުގެ ހިޔާލު ހޯދަން އެންމެ ފުރަތަމަ ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ސަމީރު އެގޮތަށް ހުށަހެޅުއްވި އިރު، އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ތާއީދު ނުކުރެއްވުމުން ވޯޓަކަށް ނާހަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާނީ މައިނޯރިޓީއަށް އިހުތިރާމްކޮށްގެން ކަމަށާއި، ސަމީރު ހުށަހެޅުއްވި ގޮތަށް ޕާޓީތަކާއި ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ފެނިވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ތެރެއިންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން މި ބިލަށް ކޮމެންޓް ކުރަން ބޭނުންވާ ފަރާތްތައް އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ކުރިން ލިއުމަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޝުޖާއު ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ފަހުން ޝުޖާއު ވިދާޅުވީ ޕާޓީތަކާ ޖަމިއްޔާތަކުން ލިއުމުން ހުށަހަޅާ ހިޔާލެއްގެ ބަދަލުގައި، އެކަމަށް އެދޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުވެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށެވެ.
މީގެ އިތުރުން، ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ރިއަލް އެސްޓޭޓް ވިޔަފާރި އާ ގުޅުން ހުރި މުއައްސަސާތަކުން ލިއުމުން ހިޔާލު ފޮނުވަން ނިންމާފައި އޮތް ނިންމުން ވެސް މިއަދު ވަނީ ބަދަލުކޮށްފައެވެ. އެގޮތުން އެ މުއައްސަސާތައް ވެސް ކޮމިޓީއަށް ހާޒިރުވާ ގޮތަށް ވަނީ ނިންމާފައެވެ.
ކުރިން ކޮމިޓީން ކަނޑައަޅާފައިވާ ގޮތުގައި ލިއުމުން ހިޔާލު ހޯދަން ނިންމި މުއައްސަސާތަކަކީ އިކޮނޮމިކް މިނިސްޓްރީ، ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއެވެ.
