އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.

ފުލުހުން ބުނީ، އެ ކުންފުނީގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

މި މައްސަލައަކީ އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވިގެން 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގެ ތަހުގީގުން އެނގިފައިވާ ގޮތުގައި އަސްކޮއި ޓްރެވަލްގެ ހަވާލުގައި އުމްރާއަށް ދިއުމަށް 109 މީހަކު ވަނީ ފައިސާ ދައްކާފައެވެ. އަދި އެ މީހުން ދެއްކި ފައިސާއަށް އެ ކުންފުނިން ހިޔާނާތްތެރިވެފައިވާކަން ތަހުގީގަށް ސާބިތުވެފައިވާއިރު، އެ ފައިސާގެ ޖުމްލަ އަދަދު 2،660،300 (ދެ މިލިއަން ހަ ލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ) ރުފިޔާއަށް އަރައެވެ.

އަސްކޮއި ޓްރެވަލްސް މެދުވެރިކޮށް އުމްރާއަށް ދިއުމަށް އެތައް ބަޔަކު ފައިސާ ދެއްކުމުންވެސް ދަތުރު ނުކުރެވި ހިޔާނާތުގެ ޝިކާރައަކަށް ވެފައިވާ މައްސަލަތަކެއް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.

އެގޮތުން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ އެ ކުންފުނި ޖޫރިމަނާކޮށް، މީހުން އުމްރާއަށް ގެންދިއުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަވެސް ބާތިލުކޮށްފައެވެ. މީގެ އިތުރުން ފައިސާ ދެއްކުމަށްފަހު އުމްރާއަށް ނުދެވުނު އާންމުންގެ ބައެއް އާއިލާތަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގައި، އެ ފަރާތްތަކަށް އަނބުރާ ފައިސާ ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ކޯޓުން ވަނީ ހުކުމްވެސް ކޮށްފައެވެ.