ޏ. ފުވައްމުލަކުގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދެމުންދިޔަ ތަނެއް ބަންދު ކުރަން ކޯޓުން އަމުރުކޮށްފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު ފުވައްމުލައް ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ވަނީ ދެ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް މުއްދަތު ޖަހާފައެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން / މާދޫގެ، އަހްމަދު ރަޝީދު (32އ) އާއި، އެ ރަށު ދޫޑިގަން / ރޫބީ، މުހައްމަދު ޝާޛް (36އ) އެވެ. އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި ހަމަ އެހެންމެ އަހްމަދު ރަޝީދު ދިރިއުޅުނު ބައިގައި މަސްތުވާތަކެތި ކެފޭގެ އުސޫލުން ފޯރުކޮށްދީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންގެންދާ މައްސަލައިގައި އޭނާ ދިރިއުޅެމުންދިޔަ ބައި 90 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މީގެ އިތުރުން، މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ޝާޛްގެ ބަންދަށް 15 ދުވަސް އަދި އަޙްމަދު ރަޝީދުގެ ބަންދަށް 12 ދުވަސް ވެސް ކޯޓުން ވަނީ ދީފައެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ގެތަކާއި އެކަހެރި ތަންތަން ބޭނުންކޮށްގެން ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި ބޭނުންކުރާ މައްސަލައަކީ ފުލުހުން ހާއްސަ އިސްކަމެއް ދީގެން ހުއްޓުވުމަށް މަސައްކަތްކުރަމުން އަންނަ ބޮޑު މައްސަލައެކެވެ. އެގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ މިފަދަ ހަރަކާތްތަކުގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގައި އިންޓެލިޖެންސަށް ލިބޭ މައުލޫމާތުތަކަށް ބިނާކޮށް މީގެ ކުރިންވެސް އެފަދަ ކެފޭތައް ބަންދު ކޮށްފައިވެއެވެ.
