ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ އެހީތެރިކަމާއެކު، މ. ދިއްގަރުގައި ކުރިއަށްގެންދިޔަ "ސަސްޓެއިނަބަލް އާބަން ފާމިން" މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފިކަން އެ ބޭންކުން އިއުލާނުކޮށްފިއެވެ.
މި މަޝްރޫއަކީ ބީއެމްއެލް އިން ފޯރުކޮށްދިން 200,000 ރުފިޔާގެ މާލީ އެހީތެރިކަމާއެކު "ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން" ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ހާއްސަ މަޝްރޫއެކެވެ. މިއީ ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާމިން ފަދަ ދަނޑުވެރިކަމުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުން އިތުރުކުރުމުގެ މަތިވެރި މަގްސަދުގައި ހިންގުނު ޕްރޮގްރާމެކެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރަށުގައި އުފައްދާ ތާޒާ މޭވާއާއި ތަރުކާރީ ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. މީގެއިތުރުން، މުޖުތަމައުގެ ފަރުދުންނަށް ޒަމާނީ ދަނޑުވެރިކަމުގެ އަމަލީ ތަޖުރިބާއާއި މައުލޫމާތު ފޯރުކޮށްދީ، ރަށުގެ ރައްޔިތުންނަށް އިގްތިސާދީ އާ ފުރުސަތުތަކެއް ފަހިކޮށްދިނުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
ދިއްގަރުގައި މި ނިމިގެންދިޔަ މަޝްރޫއަކީ ބީއެމްއެލްގެ "ބޭންކް ފަންޑު" ގެ ދަށުން އެހީތެރިކަން ފޯރުކޮށްދީގެން ހިންގުނު މުހިންމު ހަރަކާތެކެވެ. ބީއެމްއެލް އިން ދަނީ ރާއްޖޭގެ އެކި ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްގީއަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމައު ބާރުވެރިކުރުވުމަށް އެހީތެރިވެދޭ މިފަދަ އިޖުތިމާޢީ އަދި އިގްތިސާދީ ގިނަ މަޝްރޫއުތަކަށް މެދުކެނޑުމެއްނެތި އެއްބާރުލުން ދެމުންނެވެ.
