ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހައްޔަރުކުރި މައްސަލަ ރައްޔިތުން މަޖިލީހަށް ހުށަހަޅާނެ ކަމަށް މަހިބަނދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ތޯރިގު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި 3 ވަނަ ދައުރު ފުރިހަމަ ކުރަމުންދާ އާމިރު މަގުމަތިން ހައްޔަރު ނުކުރެވޭނެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަންގައި ބައިވެރިވާ އެމްޑީއޭގެ ނައިބު ރައީސް އާމިރަށް އަނިޔާކުރި މައްސަލަ ތަހުގީގުކޮށްދޭން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ފޭސް 2ގައި ރޭ 12:55 އެހާއިރު ވެހިކަލް ޗެކް ޕޮއިންޓް ޖަހައި ފުލުހުން އުޅަނދުތައް ޗެކު ކުރަމުން ދިޔައިރު ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން ފުލުހުން އެނގުމުން ޗެކްޕޮއިންޓަށް މަޑުނުކޮށް ހަޑިހުތުރުބަހުން ފުލުހުންނާ މުއާމަކާތްކޮށްފައިވާ ކަމަށެވެ.

އެ ސައިކަލު މަޑުނުކޮށް ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިއުމުން ފުލުހުން ގޮސް އެ ސައިކަލް ހުއްޓުވި ކަމަށާއި ސައިކަލް ހުއްޓުވައި ފުލުހުން އޭނާއާ ސުވާލު ކުރުމުން މައުލޫމާތު ދިނުމަށް އިންކާރުކޮށް ފުލުހުންގެ އަމުރަށް އޭނާ ނުކިޔަމަންތެރިވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށުން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންއަށް ގެންގޮސް މައުލޫމާތު ސާފުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާ ދުއްވި ސައިކަލް ޓޯ ކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން އާމިރު ހައްޔަރު ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އޭނާ ތަކުރާރުކޮށް އަނިޔާ ނުކުރުމަށް ގޮވާލައްވަމުންދާތަން ވީޑިއޯއިން ފެނެއެވެ.