ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް މާލީ އަދި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ މީދޫގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ގައުމީ ފެންވަރެއްގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދަނޑުވެރިކަމުގެ ސިނާއަތް އިންގިލާބީ ގޮތުން ކުރިއެރުވުމަށްޓަކައި ދަނޑުވެރިންނަށް ބޭނުންވާ ތައުލީމާއި، ތަމްރީނާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ދަނޑުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ފަށްޓަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އިގްތިސާދީ އަދި މޫސުމީގޮތުން ދުނިޔެއަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރި ނަމަވެސް، އަހަރުގެ ހުރިހާ މޫސުމެއްގައިވެސް ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ރާއްޖޭގައި އޮތުމަކީ ލިބޭ ބޮޑު ފައިދާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަކީވެސް މަސްވެރިކަމެކޭ އެއްފަދައިން ކުރިއެރުވުމަށް ހާއްސަ ސަމާލުކަމަކާއި އެހީތެރިކަމެއް ބޭނުންވާ މުހިންމު ސިނާއަތެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ އިސް ޒިންމާއެއް އޮތީ ސަރުކާރުގެ އަތްމަތީގައި ކަމަށެވެ. އަދި ދިވެހިރާއްޖެ އަކީ ބިންތިރި ޖަޒީރާ ގައުމަކަށްވުމުން ދަނޑުވެރިކަން ކުރުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް، އެކަށީގެންވާ އާމްދަނީއެއް ހޯދައިދިނުމަށް ސަރުކާރުން އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ބޮޑު ބައެއް ބޭރުން އެތެރެކުރަންޖެހޭ މިންވަރަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ 90 އިންސައްތައަށްވުރެ ބޮޑުބައި ބޭރުން އެތެރެކުރަމުންދާއިރު، ކޮންމެ އަހަރަކުވެސް މޭވާއާއި ތަރުކާރީ ހޯދުމަށް ބޮޑު ހަރަދެއް ހިނގާކަން ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި މިދިޔަ އަހަރު އެކަނިވެސް 105 މިލިއަން ރުފިޔާގެ ކެބެޖާއި ލެޓިއުސްގެ އިތުރުން 73 މިލިއަން ރުފިޔާގެ ކަރާ އެތެރެކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިފަދަ ހަރަދުތައް ކުޑަކޮށް، ރާއްޖޭގައި ހެއްދޭ ބާވަތްތައް ރާއްޖެއިން އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ޒަމާނީ ވަސީލަތްތަކާއި އެކު ދަނޑުވެރިކަން ފުޅާކޮށް، ދަނޑުވެރި ކޮމިއުނިޓީތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.