ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން، ވަންވޭއާ ހިލާފަށް ދުއްވި މައްސަލައެއްގައި ބިދޭސީ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގެ ތަފްސީލު ދެއްވަމުން ފުލުހުން ބުނީ ރޭ ދަންވަރު 02:14 އެހައިކަންހާއިރު ލޮނުޒިޔާރަތް މަގުން ރުއްކެނޑިޔާ ހިނގުމަށް ވަންވޭއާ ހިލާފަށް ދުއްވާފައި ދިޔަ ސައިކަލެއް މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ބީޓަށް ފެނިގެން ވަނީ އެ ސައިކަލު ހުއްޓުވާފައިވާ ކަމަށެވެ. އަދި ފުލުހުން ސައިކަލު ހުއްޓުވައި ބެލިއިރު، ސައިކަލު ދުއްވަން ހުރި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތުމާ ގުޅިގެން އެ ސައިކަލު ވަނީ ޓޯ ޔާޑަށް ގެންގޮސްފައެވެ.
ޓޯ ޔާޑުން ސައިކަލު އިތުރަށް ބަލައި ފާސްކުރިއިރު، ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑާއި ސައިކަލުގެ އިންޖީނު ނަންބަރާ، ޗެސިސް ނަންބަރު ދިމާނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން، ސައިކަލުގެ އަސްލު ނަންބަރުތައް ސިސްޓަމް މެދުވެރިކޮށް ޗެކްކުރުމުން އެއީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ކަށަވަރުވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން، ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
