މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ދައުލަތަށް ނަގަން ސަރުކާރުން ނިންމާފައިވާ މައްސަލާގައި، ސިޓީ ކައުންސިލުން ކޯޓަށް ދާން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ރޭ ބޭއްވި ކައުންސިލުގެ ކުއްލި ޖަލްސާއެއްގައެވެ. މި ޖަލްސާގައި ކައުންސިލުން ފާހަގަކޮށްފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ކައުންސިލްގެ ބިންތައް ނަގަނީ ގަސްތުގައި ލާމަރުކަޒީ ނިޒާމު ފުނޑާލުމުގެ ބޭނުމުގައި ކަމަށާއި، މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓާ ހަމައަށް ގެންދާނެ ކަމަށް ޖަލްސާގައި ވާހަކަދެއްކެވި މެންބަރުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ދައުލަތަށް ނަގާ ބިންތަކަކީ ކައުންސިލަށް އާމްދަނީ ލިބޭ ތަންތަން ކަމަށްވާތީ، ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. މިނިސްޓްރީން މި ބިންތައް ނެގުމަށް އިއުލާނުކުރިއިރު، ކައުންސިލުގެ ބަހެއް ހޯދާފައިނުވާ ކަމަށާއި ހިޔާލު ހުށަހެޅުމަށް ދޭންޖެހޭ 14 ދުވަދުގެ މުއްދަތު ވެސް ދީފައިނުވާ ކަމަށް ކައުންސިލް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

https://thepress.mv/168717

ދައުލަތަށް ނަގަން ނިންމާފައިވާ 14 ބިމުގެ ތެރޭގައި ސަލްޓަން ޕާކާއި، މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓާއި، ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނު ފަދަ މާލޭގެ މުހިންމު ސަރަހައްދުތައް ހިމެނެއެވެ. މި މައްސަލާގައި ވަގުތީ އަމުރަކަށް އެދި ކޯޓަށް ދިއުމަށާއި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރޭގެ ކުއްލި ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.