މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ސެޕްޓެންބަރު މަހު އެކަނިވެސް 178،197 ފްރައިޓް ޓަނުގެ މުދާ ކްލިއާ ކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިދިޔަ މަހު ކްލިއާ ކުރި މުދަލުގެ ތެރޭގައި އެންމެ ގިނައީ ބިހާއި ފިޔާ ފަދަ ޒަރޫރީ ކާބޯތަކެތީގެ ބާވަތްތަކެވެ.
އެމްޕީއެލުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި އާންމު މުދާ އުފުލާ ބޯޓުފަހަރުން ގިނަ އަދަދެއްގެ މުދާ ވަނީ ކްލިއާ ކޮށްފައެވެ. އެގޮތުން ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 5،673 ކޮންސައިންމަންޓް އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 1،667 ކޮންސައިންމަންޓް ވަނީ ކްލިއާ ކޮށްފައެވެ.
މާލޭ ވިޔަފާރި ބަނދަރަށް މިދިޔަ މަހު ބޯޓުފަހަރު އައި އަދަދަށް ބަލާއިރު، ކޮންޓެއިނަރު އުފުލާ 14 ބޯޓަކާއި، އާންމު މުދާ އުފުލާ 26 ބޯޓު ބަނދަރުކޮށްފައި ވެއެވެ. އަދި އޮޕަރޭޝަންތައް ނިންމުމަށްފަހު، ކޮންޓެއިނަރު އުފުލާ 3 ބޯޓަކާއި އާންމު މުދާ އުފުލާ 6 ބޯޓު ވަނީ މާލޭ ވިޔަފާރި ބަނދަރުން ފުރާފައެވެ.
މީގެއިތުރުން، ކޮންޓެއިނަރުތަކުގެ ހަރަކާތްތަކަށް ބަލާއިރު އަންލޯޑެޑް ޓީއީޔޫގެ އަދަދަކީ 7،139 އެވެ. އަދި ލޯޑެޑް ޓީއީޔޫގެ އަދަދަކީ 7،386 އެވެ. މިއާއެކު މިދިޔަ މަހުގެ ޖުމްލަ ތްރޫޕުޓް ޓީއީޔޫ ވަނީ 14،525 އަށް އަރާފައެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެންބަރު މަހު އެންމެ ގިނައިން ކްލިއާކޮށްފައި ވަނީ ރައްޔިތުންގެ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ބިސް: 77،595 ކޭސް
- ފިޔާ: 41،122 ބަސްތާ
- ކަރާ: 39،582 ކޭސް
- އަލުވި: 23،610 ބަސްތާ
- ޓޮމާޓޯ: 17،102 ކޭސް
ރާއްޖޭގެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށް، ހިދުމަތްތައް އިތުރަށް އަވަސްކުރުމަށްޓަކައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއު ސަރުކާރުން މިހާރު އަންނަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ތިލަފުށީ ބަނދަރު ރަސްމީކޮށް ހުޅުވައި، ހިދުމަތް ދޭން ފެށުމެވެ. މި ބަދަލާއެކު އެމްޕީއެލްގެ ޖުމްލަ އޮޕަރޭޝަންތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާވެ، މުދާ ކްލިއާކުރުމުގައި ވިޔަފާރިވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
