ކޮންމެ މީހަކުވެސް އެ މީހެއްގެ މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ މިނިސްޓަރު، ތާރިގު އިބްރާހިމް އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން "ގޯ ގްރީން" ގެ ނަމުގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ހޫނު ގަދަ، ގަސް މަދު ގައުމެއްގައި ހިތްހަމަ ޖައްސާލުމަށް ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމަށާއި އެގޮތުން "ގޯ ގްރީން" މަޝްރޫއަކީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބާރުއަޅާނެ ފުރިހަމަ ޕްރޮގްރާމެއް ކަމުގައި ވިދާޅުވިއެވެ.

އަދި ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކި އެންމެން ގުޅިގެން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ގޮވާލާ ކޮންމެ ބޭފުޅެއްގެ ވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދައި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކްލީން މޯލްޑިވްސްއިން އިންތިޒާމުކުރި "ގޯ ގްރީން" އިވެންޓުގެ ތެރެއިން / ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

މި ރަސްމިއްޔާތުގައި ބައިވެރިން ވަނީ ހުޅުމާލޭގައި ގަސް އިންދުމުގެ މަޝްރޫއު ފަށާފައެވެ. މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ފުރަތަމަ ގަސް އިންދަވައިދެއްވީ ވަޒީރު ތާރިގު އިބްރާހީމްއެވެ. މި ޕްރޮގްރާމުގައި 350 އަށް ވުރެ ގިނަ ބައިވެރިން ހަރަކާތްތެރިވެފައިވާއިރު، މީގެ 50 އިންސަންތަ އަކީ ކުޑަކުދިންނެވެ.

"ގޯ ގްރީން" އިފްތިތާޙހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ކްލީން މޯލްޑިވްސްގެ ބާނީއާއި އިވެންޓްގެ ސްޕޮންސަރުންގެ އިސް ބޭފުޅުންނާއި ސްކޫލު ދަރިވަރުންނާއި އެކި އެކި ޖަމްއިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވެފައެވެ.

މި އިވެންޓަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވި "މުޅި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުން" މި ޝިއާރުގެ ދަށުން 1000 ގަސް އިންދުމަށް އެޗްޑީސީ އާއި ގުޅިގެން ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.