ޓޫރިޒަމާ ބެހޭ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީ ބޮޑުކުރަން ތާއީދުކުރައްވާ ކަމަށާއި، އެކަމަކު ޓެކްސް ބޮޑުކުރަން އަދި ވަގުތު ބޭނުންވާ ކަމަށް، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅީ ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރުމަށެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި 17 ޕަސެންޓަށް ޓީޖީއެސްޓީ ބޮޑުކުރުމުން މްދަނީގެ ގޮތުގައި ދައުލަތަށް އަންނަ އަހަރު 201.9 މިލިއަން ރުފިޔާ، 2026 ވަނަ އަހަރު 330.8 މިލިއަން ރުފިޔާ، އަދި، 2027 ވަނަ އަހަރު 538.4 މިލިއަން ރުފިޔާ ލިބޭނެއެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީގައި ދިރާސާކުރުމަށް ފަހު މިއަދު ވަނީ މާލިއްޔަތު ކޮމިޓީ އާއި އިގްތިސޯދު ކޮމިޓީގެ ސަބް ކޮމިޓީއަކަށް އިތުރަށް ދިރާސާކުރަން ފޮނުވައިފައެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި މި އިސްލާހަށް ވާހަކަ ދައްކަވަމުން ތޯރިގް ފާހަގަކުރެއްވި ގޮތުގައި މީގެ ދޮޅު އަހަރުކުރިން 12 ޕަސެންޓުން 16 ޕަސެންޓަށް ޓީޖީއެސްޓީ ބޮޑުކޮށްފައިވެއެވެ. ތޯރިގް ވިދާޅުވީ ވިޔަފާރިތަކަށް ބަލާލާއިރު ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރަން އަވަސް ކަމަށެވެ.

އެއާއެކު އޭނާ ހުށަހެޅުއްވީ ޓީޖީއެސްޓީ ބޮޑުކުރާ ތާރީހު އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 އަށް ބަދަލުކުރުމަށެވެ.

"އާންމުކޮށް ރިސޯޓްސްތަކުގަ އޮޕަރޭޓަރުންނާ ކޮންޓްރެކްޓް ހަދާފަ މި ހުންނަނީ 31 އޮކްޓޯބަރުގެ ނިޔަލަށް ނުވަތަ އަހަރަކުން އަހަރަކުން ކޮންޓްރެކްޓްތައް ހަދާފަ، އެ ދޭތެރެ މެދުން ކޮންޓްރެކްޓްތަކަށް ޓެކްސް ބޮޑުވެގެން ދިޔައީމަ އެއީ ގްރީން ޓެކްސް ވިޔަސް އަދި ޓީޖީއެސްޓީއަށް ދިޔައީމަ ވެސް އެ ވިޔަފާރިކުރާ ވިޔަފާރިވެރިންނަށް ވަރަށް އުނދަގޫތަކެއް ދިމާވާނެ،" ތޯރިގް ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވީ ޓީޖީއެސްޓީ ބޮޑުކުރަން ތާއީދުކުރައްވާ ކަމަށެވެ.