ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި، އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދިން ނުރައްކާތެރި ހާދިސާ ދިވެހި ފުލުހުންގެ ހިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 04:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ކަމަށެވެ. އެގޮތުން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭކަމަށެވެ. އަދި މި ހާދިސާ ހިނގި ވަގުތު މިކަމުގައި އިތުރު 3 ސައިކަލެއް ބައިވެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލު މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ބާރު ސްޕީޑްގައި ގޮސް މަގުމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްގައި ޖައްސައި، އެއާ އެކު ގޮސް ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގާ ޖެހިގެން ކަމަށެވެ. މި އަމަލު ހިންގި ސައިކަލު ޓޯކޮށް އެ ސައިކަލް ގައި ތިބި ދެމީހުން މިހާރުފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު މިކަމުގައި ޝާމިލްވާ އިތުރު ދެމީހަކާ، ސައިކަލެއް ލޮކޭޓްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަގުމަތީގެ އަމަންއަމާންކަން ނަގާލައި، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތަށް މަތިކޮށްފައިވާ ގާނޫނީ ވާޖިބު އަދާކުރުމުގައި، ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ހަމައެއާއެކު، ފުލުހުން މިހާރު ފަށާފައިވާ މި ހާއްސަ އޮޕަރޭޝަނަށް އެކި ގޮތްގޮތުން ހުރަސްއަޅައި، ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމަށް ފަސްނުޖެހި، މެދުކެނޑުމެއްނެތި މި އޮޕަރޭޝަން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެމުން ފުލުހުން ބުނީ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް، ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށި ކުރާނެ ކަމަށެވެ.