ފަތުރުވެރިކަމުގެ ދާއިރާއަކީ ދޮގާއި ހަސަދައިން ބިނާކުރެވޭނެ ދާއިރާއެއް ނޫން ކަމަށާއި، ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ ފަރާތްތަކަށް ބިރުދެއްކުން ހުއްޓާލަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދުގެ އެކްސް އެކައުންޓުގައި ރާއްޖޭގެ އޮންލައިން ނޫހެއްގެ ޕޯސްޓެއް ހިއްސާކުރައްވަމުން ވިދާޅުވީ، ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ ފަރާތްތަކަށް އަމާޒުކޮށް ދޮގު ވާހަކަ ފެތުރުމާއި ބިރުދެއްކުމަކީ ގައުމުގެ ކުރިމަގަށްޓަކައި ހުއްޓާލަންޖެހޭ ކަމެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ ވިޔަފާރީގެ ވާދަވެރިކަމުގެ ތެރެއިން ނޭދެވޭ ގޮތްގޮތަށް މަންފާ ހޯދަން ބޭނުންވާ ފަރާތްތަކަށް މިފަދަ ވާހަކަތައް ވާނީ ހިތްގައިމު މިޔުޒިކަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރުގެ މި ވާހަކަތައް އަމާޒުކުރައްވާފައިވަނީ މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމާއި، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

އެގޮތުން ރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް ނުހިންގޭނެ ކަމުގެ ޔަގީންކަން ދެއްވަމުން، ގައުމުގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް، ހުރިހާ ފަރާތްތަކުންވެސް ޒުވާބުކުރުމާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް ސައީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.