މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ޖާމިނުވާ ގޮތަށް ޖަލު ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން އޭނާ ގޮވާލައްވައިފިއެވެ.
ތޯރިގު މިހެން ވިދާޅުވީ، ފުލުހުންގެ ހިދުމަތަށް އޭނާ ހާޒިރުވުމަށް ޗިޓް ފޮނުވުމުންނެވެ. އޭނާ ވިދާޅުވީ، ފުލުހުން ޗިޓް ފޮނުވުމުން ފުލުހަށް ވަޑައިގަންނަވާ ކަމަށާއި، އޭނާ ހައްޔަރުކޮށް ޖާމިނުވާ ގޮތަށް ރައީސް ޔާމީން ދޫކޮށްލެއްވުމަށެވެ.
ތޯރިގްގެ އިތުރުން، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ހުޅުމާލޭ ކައުންސިލަރު އިބްރާހިމް ޝުޖާއު އަށް ވެސް ފުލުހަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފައެވެ. މި ބޭފުޅުންނަށް ޗިޓް ފޮނުވާފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހު ޖުމްހޫރީ މައިދާނަށް ވަޑައިގެން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލި މައްސަލައިގައި ކަމަށް މައުލޫމާތު ލިބެއެވެ.
އެ ދުވަހު އެ ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ.
ޕީޕީއެމްގެ މެންބަރުން އަންނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެކި ހަރަކާތްތައް ހިންގަމުންނެވެ. މި ހަރަކާތްތައް ހިންގަމުން އަންނަނީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީން ރިޔާސީ ޓިކެޓް ހަވާލުކޮށްފައި ވީ ނަމަވެސް 11 އަހަރުގެ ޖަލުހުކުމެއް އޮތުމާއެކު އިސްތިއުނާފަށް ހުށަހެޅި މައްސަލަ ލަސްވާތީއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅަން ޖެހޭ މުއްދަތުގެ ސުންގަޑި ހަމަވުމުގެ ކުރިން އިސްތިއުނާފު މައްސަލަ ކާމިޔާބު ވެގެން ނޫނީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ ފުރުސަތެއް ނެތެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ފަނޑިޔާރުން މިހާރު ޗުއްޓީ ނަންގަވާފައި ވާތީ މައްސަލަ ނުބަލައި ދިގުލައިގެން ދާ މައްސަލައިގައި ޕީޕީއެމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައީސް ޔާމީނަށް ނުހައްގުން ދޭ އަނިޔާއެއްގެ ގޮތުގައި އެކަން ސިފަކުރައްވައި އެ ޕާޓީގެ ލީޑަޝިޕުން ވަނީ މީގެ ކުރިން އެތައް ފަހަރަކު ހައިކޯޓަށް ވެސް ވަޑައިގެންފައެވެ. ހަމައެއާއެކު އެ ޕާޓީން ހިންގި ބައެއް ހަރަކާތްތަކުގެ ތެރެއިން ގްރީން ޒޯނަށް ވަދެ އަޑު އުފުލާ އިހްތިޖާޖު ކޮށްފައި ވެސް ވެއެވެ.