ޔޫކްރައިންގެ ހާސަން ސަރަހައްދުގައި އޮންނަ މާ ސިންގާ ޑޭމެއް (ކޯރުން ފައިބާ ފެން ހިފަހައްޓަން ޖަހާފައި ހުންނަ ބިއްގަނޑު) ގޮއްވާލުމުގެ ސަބަބުން ސިޓީ ތެރޭގައި ފެންބޮޑުވަމުން އެބަދެެއެވެ.
ޔޫކްރައިން އިން މިކަމުގެ ޒިންމާ ރަޝިއާގެ ބޮލުގައި އަޅުވާފައި ވާ އިރު ރަޝިއާއިން ބުނެފައި ވަނީ އެއީ އެމީހުން ކުރި ކަމެއް ނޫން ކަމަށެވެ.
ޑޭމްގެ ފާރު ތަޅައިގެން ގޮސް ފެންގަނޑު ފައިބަމުން ދާތަން އާންމުވެފައި ވާ ވީޑިއޯތަކުން ފެންނަ އިރު، ހާސަން ސަރަހައްދުގައި އުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ދިޔުމަށް ރަޝިއާ އާއި ޔޫކްރައިންގެ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ. ހާސަންގެ އެއްބައި މިހާރު ކޮންޓްރޯލް ކުރަނީ ރަޝިއާއިންނެވެ. އަނެއްބައިގެ ކޮންޓްރޯލް އޮތީ ރޫކްރައިނަށެވެ.
ޑޭމް ގޮއްވާލި މައްސަލައިގައި ދެފަރާތުން އެއްބަޔަކު އަނެއް ބަޔަކު ކުށްވެރި ކުރާއިރު ހާސަން އަށް ރަޝިއާއިން ކަނޑައަޅާފައި ހުންނަ ގަވަރުނަރު ބުނީ، ޑޭމް ހަލާކުވީ، ޔޫކްރައިނުން ފޮނުވާލި ބޮޑުބަޑީގެ އުންޑަ ތަކެއް އަރައިގެން ކަމަށެވެ.
މިހާދިސާގައި އެންމެ ނުރައްކާ ބޮޑީ ކަހޮވްކާ ޑޭމް އާ ގުޅިގައި އޮންނަ ޑިނީޕާ ކޯރިގެ އައްސޭރިފަށުގައި ދިރިއުޅޭ މީހުންނަށެވެ. ޑޭމުން ފައިގެން އަންނަ ފެންގަނޑުން ބަލަބަލައި ތިއްބާ އެ ކޯރު ފުރެމުން އަންނަ އިރު ކޯރާ ކައިރި ވިލެޖްތަކުގައި ފެންބޮޑުވާނެ ކަމަށް ވެސް ވަނީ އިންޒާރު ކޮށްފައެވެ.
ސޯވިއެޓް އިރުގައި ހަދާފައި އޮތް މި ޑޭމް މިހާރު އޮންނަނީ ރަޝިއާއިން ކޮންޓްރޯލް ކުރާ ފަޅީގައި ނަމަވެސް ފައިގެން ދާ ފެންގަނޑާއެކު ހަނގުރާމަ ހިނގަމުން ދާ ގިނަ ސަރަހައްދުތަކެއްގައި ފެން ބޮޑުވާނެ ކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފައެވެ.
1956 ގައި ހެދި މި ޑޭމް އަކީ، 98 ފޫޓު އުސް. 2 މޭލެ ދިގު ޑޭމް އެކެވެ. އަދި އެއީ ހަކޮވްކާގެ ހައިޑޯޕަވާ ޕްލާންޓަށް ބޭނުންވާ ކަރަންޓް އުފައްދާންވެސް ބޭނުން ކުރާ ޑޭމެކެވެ. ރަޝިއާއިން 2014 ގައި ހިފި ކްރިމިއާ އާއި ޒެޕްރޯޒިއާ އަށް ފެން ފޯރުކޮށްދޭންވެސް ބޭނުން ކުރަނީ އެ ޑޭމާ ގުޅިފައި އޮންނަ ކޯރެވެ.
ޔޫކްރައިން ހަނގުރާމަ އާ ހަރުފަތަކަށް
ހުޅަނގުގެ އަސްކަރީ އެހީއާ އެކު ޔޫކްރައިންގެ ސަފުތައް ރުކުރުވާލައި ރަޝިއާއިން ހިފި މަގާމުތަކަށް ވަރުގަދަ ރައްދު ހަމަލާތައް ދޭން އިއްޔެ ވަނީ ފަށާފައެވެ. ޖަރުމަނާއި އިނގިރޭސީން އަދި އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ފޯރުކޮށްދިން ޒަމާނީ ހަތިޔާރާއެކު އިއްޔެ ހަމަލާތައް ފަށާފައި ވާ އިރު، ޔޫކްރައިންގެ ފައުޖުތައް ބަކްމޫތް ސަރަހައްދުން ބާރަށް ކުރިއަރައިގެން ދާ ކަމަށް ޔޫކްރައިން އިން ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ، "ދުޝްމަނުންނަށް [ރަޝިއާ އަށް] މިހާރު އެނގޭނެ އަހަރެމެން މޮޅުވާނެ ކަން، އެމީހުންނަށް އިހުސާސް ވާނެ، އަހަރެމެންގެ ސިފައިންނަށް އައްސަރިބަހާ ސާބަސް، ހާއްސަކޮށް ޑޮނެސްކް ސަރަހައްދުން ކުރިއަރާ ސިފައިންނަށް ވެސް" މިހެންނެވެ.
ރަޝިއާއިން ހިފި ކަމަށް މީގެ ކުރިން ބުނި ބަކްމޫތް އާއި ޑެނެކްސް ފަދަ ސަރަހައްދުތަކުގައި ވަރުގަދައަށް ހަމަލާ ބަދަލުކުރަމުން ދާ އިރު، ރަޝިއާގެ އިދާރާތަކުންނާއި ރަޝިއާއަށް ތާއީދު ކުރާ އެކި މަސްދަރުތަކުން ބުނާ ގޮތުގައި، ޔޫކްރައިންގެ ދިފާއުގެ ބޮޑު ބައެއް ހަލާކުކޮށްލައި 250 އަށް ވުރެ ގިނަ ޔޫކްރައިން ސިފައިން ވަނީ މަރާލެވިފައެވެ. އަދި ޔޫކްރައިން އަށް ޖަރުމަނުން ހަޑިޔާކުރި ލެޕާޑް 2 މަރުކާގެ ޓޭންކް ހިމެނޭހެން ޖުމްލަ 28 ޓޭންކާއި ހަތިޔާރު ހަރުކޮށްފައި ހުރި 109 ވެހިކަލްވެސް ގޮއްވާލައިފައި ވާކަމަށް ވެސް ބުނެއެވެ. އަދި މި މަންޒަރުތައް ފެންނަ އޭރިއަލް ވީޑިއޯ ކްލިޕްތައްވެސް ވަނީ އާންމުކޮށްފައެވެ.
ދެފަރާތުން ތަފާތު ދެވާހަކައެއް ދައްކާ އިރު، ރަޝިއާއަށް މަދަދުވެރިވާ ހަތިޔާރު އެޅި ވެގްނާ ގްރޫޕުގެ ބޮސް ބުނެފައި ވަނީ ބަކްމޫތް ސަރަހައްދުން ޔޫކްރައިން ކުރިއަރައިގެން އަންނަ ކަމަށާއި، ބަކްމޫތްގެ ހާލަތު ބަލަން ރަޝިއާގެ ޗީފް އަދި ޑިފެންސް މިނިސްޓަރު ވަޑައިގަތުމަށެވެ. ވެގްނާ ގްރޫޕަކީ، ރަޝިއާ އަށް މަދަދުވެރިވެ މިދިޔަ މަހު ބަކްމޫތް ހިފި ގްރޫޕެވެ. އެމީހުން އެތަން ރަޝިއާ ސިފައިންނާ ހަވާލުކޮށް ފޭބީ ހުސްވި މަހުގެ 25 ގައެވެ. އެގްރޫޕުގެ ބޮސް ބުނާ ގޮތުގައި، އެމީހުން ފައިގެން ދިޔަ އިރު ލަނޑު ދޭން ނުވަތަ އެމީހުން މަރަން، ރަޝިއާގެ ސިފައިން ވަނީ މައިން ވަޅުލާފައެވެ. އެ ކަމާ އޭނާ ރުޅި އައިސްފައި ހުރި އިރު އެމީހުން ދަތުރު ކުރަމުން ދިޔަ ގާފިލާއަކަށް ހަމަލާ ދިން ރަޝިއާ ސިފައިންގެ މީހަކު އެމީހުން ރަހީނުކޮށްފައި ވެސް ވެއެވެ.
ބަކްމޫތުގެ ހާލަތު އެހެން އޮތް އިރު ބެލްގޮރޮޑް ސަރަހަދުގައި ރަޝިއާއިން ވަކިވެގަނެގެން އުޅޭ ހަނގުރާވެރި 2 ޖަމާއަތަކުން ރަޝިއާ ސިފައިންނާ ކުރިމަތިލަމުން އެބަދެއެވ. އެމީހުންގެ ހަމަލާތައް ވެސް ވަރުގަދައެވެ. ބެލްގޮރޮޑް ގެ އެކި ސަރަހައްދުތަކަށް އެމީހުން ހަމަލާ ދޭ އިރު ރަޝިއާއިން ގެންދަނީ އެމީހުންގެ މަމާގުތަކަށް ވެސް ހަމަލާދެމުންނެވެ.