އާބަންކޯއިން ދ. ތިނަދޫގައި ގާއިމް ކުރަމުންދާ ޑީކޯ ޗެމްބާގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހު ނިމޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިދިޔަ މާޗު މަހު އާބަންކޯއިން ގާއިމް ކުރަން ފެށި މި ޑީކޯ ޗެމްބާއަކީ އެ ކޯޕަރޭޝަނުން ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
ހުވަދޫ އަތޮޅަކީ ރާއްޖޭގައި އެންމެ މަސްވެރިން ގިނަ އެއް އަތޮޅު ކަމަށް ވާއިރު ހުވަދޫ އަތޮޅުގައި ގާއިމް ކުރާ މި ޗެމްބާއާއެކު މަސްވެރިކަމުގައި އުޅޭއިރު ޑީކޯ ވާ މީހުންނަށް ފަރުވާ ދެވޭނެ ގޮތް ފަހިވެގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ. މީގެ ކުރިން ވެސް މިފަދަ ހާދިސާތައް އެ ސަރަހައްދުގައި ހިނގާފައި ވާއިރު އެފަދަ ކަމެއް ދިމާވުމުން އެ ސަރަހައްދުން ފަރުވާ ހޯދޭނެ ގޮތެއް ނޯވެއެވެ.
އާބަންކޯގެ ސީއެސްއާރްގެ ދަށުން އާންމުންނަށް ބޭނުންވެފައިވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ތިނަދޫގައި ގާއިމްކުރާ ޑީކޯ ޗެމްބާ އަކީ ރާއްޖޭގައި ގާއިމްކުރެވޭ ދެވަނަ ޑީކޯ ޗެމްބާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އަދި އާބަންކޯގެ މަސައްކަތުގެ ސްކޯޕް ބޮޑުކޮށް، ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އާބަންކޯގެ ފަރާތުން ގޯ ބިޔޯންޑް ޕްލޭނެއްގެ ދަށުން ދަނީ އެކި ޕްރޮޖެކްޓުތައް ހިންގަމުންނެވެ.