ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުގެ ފަރާތުން ބާއްވާ ޖަލްސާގައި “އިންޑިއާ އައުޓް” ބެނާ އާއި ޓީޝާޓުގައި ބަޔަކު ހަރަކާތްތެރި ވެއްޖެއެވެ.
މިރޭގެ ޖަލްސާގައި އިންޑިއާ އައުޓް ޖަހާފައި ހުރި ޓީޝާޓުތަކުގައި ބައެއް ފަރާތްތަކުން ހަރަކާތްތެރި ވާއިރު އިންޑިއާ އައުޓްޖެހި ބެނާތައްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މިރޭގެ ހަރަކާތުގެ ފޮޓޯތަކާއި ވީޑިއޯތަކުން ދަނީ ފެންނަމުންނެވެ.
"އިންޑިއާ އައުޓް" ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފައްޓަވާފައިވާ ހަރަކާތެކެވެ.
އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ގޮވާލައި، އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ އޭޕްރިލް 21 ގައި ވަނީ ގަރާރެއް ވެސް ނެރުއްވާފައެވެ.
މިރޭ ބާއްވާ މި ޖަލްސާއަކީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށޫއަރާ ބައި ކަނޑައެޅި މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލި ކަމަށް ބުނެ، ބާއްވާ ޖަލްސާއެކެވެ.
އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.