ރާއްޖޭގައި އިންޑިއާ ސިފައިން މަރުކަޒު ވެގެން ތިބި މައްސަލަ ހައްލު ނުވާ ކަމަށާ 'އިންޑިއާ އައުޓް' ކެމްޕެއިން އަނެއްކާވެސް އަލުން ފައްޓަވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އިއްޔެ، ޔާމީންގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑްރިންގެ ކުށުގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށްފައިވާއިރު، ކޯޓު ބޭރުގައި ހުންނަވައި މީޑިއާ އަށް މައުލޫމާތުދެއްވަމުން އެ މަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި މަރުކަޒުވެ ތިބުމާއި، ބޭރު ގައުމެއްގެ ނުފޫޒު ރާއްޖޭގެ އެތެރޭގެ ކަންކަމުގައި މާ ވަރުގަދައަށް ހިފޭ ވަރަށް އޮތުމަކީ ބަލައިގަންނަން އުދުގޫކަމެއްކަމުގައެވެ.
ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ދާއިމަށް ގާއިމުވެ މަރުކަޒު ހަދައިގެން ތިބެން ވާނެކަމަށް ގަބޫލުނުކުރައްވާކަމަށް ޔާމީން ދައްކަވާ ވާހަކަ ތަކުރާރުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރާ ހަމައިން އިންޑިއާ ސިފައިންގެ މައްސަލަ ހައްލު ނުވާ ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އަދި އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން ކުރީގެ ސަރުކާރުގައި ހިންގި "އިންޑިއާ އައުޓް" ކެމްޕެއިން ކުރިއަށް ގެންދަވާނެކަށް ޔާމީން ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން އިންޑިއާއާ ދެކޮޅު ވާހަކަތައް ދެއްކުން މަނާކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރައް އިޝާރަތްކުރައްވަމުން ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއްކަމަށެވެ.
ޔާމީން، މިހެން ވިދާޅުވެފައިވާއިރު މި ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ރަސްމީ އަދަދަކީ 88 ކަމަށެވެ. އަދި އޭގެ ތެރެއިން އައްޑޫގައި އޮތް ހެލިކޮޕްޓަރު ދުއްވާ ސިފައިންގެ ބެޗާ އަދި ހދ. ހަނިމާދޫގައި އޮންނަ ޑޯނިއާ މަތިންދާބޯޓު ދުއްވާ ސިފައިންގެ ބެޗު ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.