ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗު އެނބުރި އެ ގައުމަށް ހިނގައްޖެއެވެ.

އެކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށްދެއްވައިފައެވެ. އަދި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭ އެކަމުގެ ތަފްސީލު ސަރުކާރުން ހާމަކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ފަހު ބެޗް އެ ގައުމަށް އެނބުރި އައިސްފައިވާ ކަމަށާއި، އަސްކަރީ އުޅަނދުފަހަރު އޮޕަރޭޓްކުރުމަށްޓަކައި ސިފައިންގެ ބަދަލުގައި އެ ގައުމުގެ މަދަނީ މުވައްޒަފުން ރާއްޖެ އަށް ގޮސްފައިވާ ކަމަށެވެ.

ރައީސް އޮފީހުގެ ފަރާތުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން 51 ސިފައިންގެ މީހުން އަނބުރާ އެ ގައުމަށް ފޮނުވާލެވިފައިވާނެއެވެ. އަދި މާދަމާގެ ކުރިން ސިފައިން އަނބުރާ ފޮނުވާލެވޭނެ ކަމަށް ވެސް އޭނާ އޭރު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ރަސްމީ މަޝްވަރާތައް މިދިޔަ ޖެނުއަރީ މަހުގެ މެދުތެރެއިން ފަށައި، މިހާތަނަށް ހަތަރު ބައްދަލުވުމެއް ބާއްވާފައިވެއެވެ.