ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އޭރު ހިންގި 'އިންޑިއާ އައުޓް' ހަރަކާތްތައް އިސްވެ ހުރެ ކުރިއަށް ގެންދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި، މި ސަރުކާރުގެ ތާއީދެއް އެފަދަ ހަރަކާތްތަކަށް ނެތް ކަމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ޔޫއޭއީ އަށް ވަޑައިގަތުމުގެ ކުރިން އިންޑިއާގެ 'ވިއޯން' ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޚަލީލް ވިދާޅުވީ، މި ސަރުކާރުން ބޭނުންވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން ވަރުގަދަކުރަން ކަމަށެވެ.
ޚަލީލް ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތް އިސްކޮށް ހިންގެވީ ޔާމީން ކަމަށާއި، އެމަނިކުފާނާއި މި ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ޔާމީން އަމިއްލަ ޕާޓީ ޕީއެންއެފް ހިންގަވަމުންދާ ކަން ފާހަގަކުރައްވައި، އެމަނިކުފާނު ސަރުކާރާ ދެކޮޅަށް މަސައްކަތްކުރައްވަމުން ދާ ކަން ޚަލީލް ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ އިންޑިއާ އާ ދެކޮޅު ބަޔަކު ސަރުކާރާއި އިދިކޮޅުގައި އެބަތިބި ކަމަށާއި އެކަމަކު އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ޚަލީލް ވިދާޅުވިއެވެ. ޚަލީލް ވިދާޅުވީ ދިވެހި ސަރުކާރުން ރާއްޖެއާއި އިންޑިއާގެ ގުޅުމަށް އިހްތިރާމްކުރާ ކަމަށާއި، އިންޑިއާގެ ސަރުކާރުގެ ފަރާތުން ވެސް ފެންނަނީ އެ މަންޒަރު ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އިންޑިއާގެ ރޯ އޭޖެންޓުންގެ އެހީތެރިކަމާއެކު ވައްޓާލަން އިދިކޮޅު އެމްޑީޕީން ރޭވުމެއް ރާވަމުން ދިޔަކަމަށް ރިޕޯޓުކޮށް އެމެރިކާގެ 'ވޮޝިންޓަން ޕޯސްޓު'ގައި ޝާއިއުކުރި ލިޔުމަށް އިޝާރާތްކުރައްވައި ޚަލީލް ވިދާޅުވީ އެ ލިޔުމުގައި ވަނީ ހަގީގަތާ ހިލާފު ވާހަކަތައް ކަމަށެވެ.
'އިންޑިއާ އައުޓް' ހަރަކާތުގެ ސަބަބުން މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ބުރޫއެރިއެވެ. ދެ ގައުމުގެ ގުޅުން ހީނަރުވެގެން ދިޔައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު، މި ސަރުކާރުގެ ކުރީގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކާ ގުޅިގެންނެވެ. އެ މައްސަލައިގައި އެ ތިން ނައިބު ވަޒީރުން ސަސްޕެންޑު ވެސް ކުރިއެވެ.