ބަންގްލަދޭޝްގެ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތަކާއެކު ފެށި "އިންޑިއާ އައުޓް" ކެމްޕެއިންގެ އަސަރު އެގައުމުގެ ބޮޑެތި ވިޔަފާރިތަކުން ފެށިގެން ކުދި ވިޔަފާރިތަކަށް ކުރަން ފަށައިފިއެވެ.
ނިމިގެން ދިޔަ އިންތިހާބު ވެރިކަން ކުރާ ޕާޓީން ކާމިޔާބު ކުރިއިރު އިދިކޮޅު މައިޕާޓީން ގެންދިޔައީ އިންތިހާބު ބޮއިކޮޓް ކުރުމާއެކު "އިންޑިއާ އައުޓް" ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ހިންގަމުންނެވެ. އެ ޕާޓީން ތުހުމަތު ކުރީ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވަމުން ގެންދިޔަ ކަމަށެވެ.
އެއާއެކު އެ ގައުމަށް އެތެރެ ކުރާ އިންޑިއާގެ ގިނަ އުފެއްދުންތައް [އެންމެ ހިނގާ އުފެއްދުންތައް] އެތެރެ ކުރުން ހުއްޓާލުމާއި ފިހާރަ ފިހާރައިގެ ހަރުތަކުން އިންޑިއާގެ މުދާ ނަގާ ހުސްކުރުމުގެ ކެމްޕެއިނެއް ފެށިއެވެ. އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރީ, އެންމެ ފުޅާދާއިރާއެއްގައި މުދާ އެތެރެ ކުރާ "މަރީކޯ" އަށެވެ. އެގޮތުން ބޮލުގަ ލާ ތެލާއި, ކައްކާ ތެލާއި ބޮޑީ ލޯޝަން ވިކުން ހުއްޓި އިތުރު އޯޑަރުތައް ލިބުން ހުއްޓިގެން ދިޔައެވެ.
އެ ކުންފުނިން އެތެރެކުރާ އެންމެ މަޝްހޫރު "ޕެރަޝޫޓް އޮއިލް" ވެސް ވިކުން އެއްކޮށް ހުއްޓި މިހާރު އެންމެ އޯޑަރެއްވެސް ނުލިބޭ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
"އިންޑިއާގެ އުފެއްދުން މިހާރު އެއްގޮތަކަށް ވެސް ނުކިވޭ, ނުވިކި ހުރި ސްޓޮކްވެސް ހުރީ ހުރި ގޮތަށް"
އެހެން ވިޔަފާރިވެރިއަކު ބުނީ, އޭނާ ދެން އެއްގޮތަކަށް ވެސް އިންޑިއާގެ އުފެއްދުން ވިއްކަން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާ ވަނީ އިންޑިއާގެ ޕްރޮޑަކްޓް ނުވަތަ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ޔޫޓިއުބުގައި ކެމްޕެއިނެއް ވެސް ފަށާފައެވެ.
ބަންގްލަދޭޝްގައި އިންޑިއާ އާ ދެކޮޅު ރޫހެއް އުފެދި ޝުއޫރުފާޅުކުރަމުން ދާތާ 10 ވަރަކަށް އަހަރު ވެއްޖެއެވެ. އެގޮތުން އެކިއެކި ކަންކަމާ ގުޅިގެން އިންޑިއާ އާ ދެކޮޅަށް ބަންގްލަދޭޝްގެ މަގުތަކުގައި އާންމުން އެއްވެ ޝުއޫރުފާޅު ކޮށްފައި ވާ އިރު މިދިޔަ އަހަރު ކްރިކެޓް ވޯލްޑްކަޕުން އިންޑިއާ ބަލިވީމައިވެސް ބަންގްލަދޭޝްގެ މަގުތަކުގައި އާންމުންގެ ބަޔަކު އުފާފާޅުކޮށްފައި ވެއެވެ.
އެ ނުތަނަވަސްކަން މަޑުމަޑުން ހިނގަމުން އައިސް, ނިމިދިޔަ އިންތިހާބު ޝައިހް ހަސީނާ ކާމިޔާބު ކުރެއްވުމާއެކު "އިންޑިއާ އައުޓް" ވަނީ އިތުރަށް ވަރުގަދަ ވެފައެވެ. އެ އިންތިހާބުގައި އިންޑިއާއިން ނުފޫޒު ފޯރުވުމުގެ އިތުރުން އިދިކޮޅު ލީޑަރު ހާލިދާ ޒިޔާ އާއި އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ އިސް ވެރިންގެ އިތުރުން އެތައްހާސް އޮފިޝަލުންނަށް ހައްޔަރު ކޮށް ބަންދު ކުރުމަކީވެސް ބަންގްލަދޭޝްގެ އާންމުން ރުޅިގަދަވި ސަބަބެކެވެ.
ރާއްޖޭގައި ވެސް ނިމިދިޔަ ސަރުކާރާ އިދިކޮޅު ފަރާތްތަކުން 'އިންޑިއާ އައުޓް" ކެމްޕެއިނެއް ވަނީ ހިންގާފައެވެ. އެ ކެމްޕެއިން އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކޮށް މިހާރު ތިބީ ވެރިކަމުގައެވެ.
ސާބަހޭބަންގާޅީ