މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޔުގާނަތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެންދިއުމަށް ގޮވާލައްވާ ގޮވާލެއްވުން ތަކުރާރުކުރައްވައި، މި ކަމުގައި ރައީސަށް މާފުކުރެވެން ނެތް ކަމަށް، އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

"ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު"ގެ ނަމުގައި "ކަނޑު ވިއްކުމާ ދެކޮޅު" އިއްތިހާދުން ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން އިން ކަނޑައެޅި މައްސަލައިގައި ރައީސްގެ މައްޗަށް ދައުވާ ނުކުރެއްވޭނެ ކަމަށް އެމަނިކުފާނަށް ހީފުޅުވިޔަސް، ގާނޫނުއަސާސީ އާ އެމަނިކުފާނު ހިލާފުވެވަޑައިގަތުމުން، ރައީސްގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށެވެ.

ގެއްލިގެން މި ދިޔައީ 44 ހާސް އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ކަމަށާއި، އެއީ ގާތްގަނޑަކަށް ސްވިޒަލޭންޑް ވަރުގެ ބޮޑު ސަރަހައްދެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މި ޖިހާދުކުރަނީ ދިވެހިންގެ އަތުން ވަގަށް ނެގި ތަން ހޯދަން މަސައްކަތް ކުރަނީ މިއަދު، މިރޭ އަޅުގަނޑުމެން އެއްވެ މި ތިބީ އަޅުގަނޑުމެން އަތުން ގެއްލުނު މުދާ ހޯދަން މި ތިބީ،" ވިދާޅުވިއެވެ.

"މޮރިޝަސް އަށް މި ފޮނުވި ސިޓީ އަޅުގަނޑު ދަންނަވާ ހިތް އޮތީ، ރައީސުލްޖުމްހޫރިއްޔާ އޭ، އަނބުރާ ގެންދަވާށޭ، އަނބުރާ ގެންދަވާށޭ، އަޅުގަނޑުމެން ތިބޭފުޅާ އަށް މާފުކުރާ ކަށް ނެތީމޭ، އަޅުގަނޑުމެން އަތުން ގެއްލުނު ތަން އަނބުރާ ގެންނައްޗޭ އަޅުގަނޑުމެންނަށް،"
މުހައްމަދު ނާޒިމް | އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު

ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހާމަކުރުމަށް ސަރުކާރަށް އަމުރެއް ނެރެދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 27 ގައެވެ. އެ މައްސަލައިގައި ރައީސް މަގާމުން ދުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެ، "ކަނޑު ވިއްކުމާ ދެކޮޅު" އިއްތިހާދުގެ މެންބަރުން ވަނީ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސޮއި ހަމަކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.