ސަރުކާރު ބަލިކޮށްލަން އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ޖެހިވަަޑައިގަންނަވާ ހާލަތެއްގައި އެކަން ވެސް ކުރައްވާނެ ކަމަށާއި އެއާއެކު ސަރުކާރު ބަލި ކޮށްލައްވާނެ ކަމަށް އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށް ދާ "ކަނޑު ވިއްކުމާ ދެކޮޅު" ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ގެއްލިގެން ދިޔައީ ރާއްޖޭގެ ސިޔާދަތުގެ ތެރޭގައިވާ ބޮޑު ތަނެއް ކަމަށާއި ވެރިކަމުގައި ހުންނެވުމުގެ މޯރަލް އޮތޯރިޓީ މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނެތް ކަމަށެވެ.

ނާޒިމް ވިދާޅުވީ، ރާއްޖެ މިނިވަންވިތާ 50 އަހަރު ވެގެން ދިޔައިރު، ރާއްޖޭގެ ކަނޑުން ސަރަހައްދެއް އޭރު ވެރިކަމުގައި ތިއްބެވި އެއްވެސް ބޭފުޅަކު ދޫކޮށް ނުލައްވާ ކަމަށާއި ނަމަވެސް މިއަދުގެ ސަރުކާރުން ފޮނުވާލި ސިޓީއަކުން ބޮޑު ގެއްލުމެއް ރާއްޖޭގެ މަސްވެރިންނަށާއި ދިވެހިންނަށް ލިބިގެން ގޮސްފައިވާ ކަމަށެވެ.

މި ސަރުކާރު މިއޮތީ ބޮޑުތަނުން ފެއިލްވެފައި ކަމަށް ވިދާޅުވަމުން ނާޒިމް ވަނީ، މި ސަރުކާރު މިހާރު ބަދަލުކުރަން ޖެހިއްޖެ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިގެން ނުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަޅުގަނޑުމެން މިތާ މި ތިއްބެވި ހުރިހާ ޕާޓީތަކުގެ ވެރިންނާއި ތި އެންމެހާ ބޭފުޅުން މި ތިއްބެވީ އަޅުގަނޑުމެންގެ ހުރިހާ ކުލަތަކާއި ފިކުރުތައް ދޫކޮށްފަ. އަޅުގަނޑުމެން މި ތިބީ އެކަތިގަނޑަކަށް މިއަދު ނުކުމެ މިތާ. އަޅުގަނޑުމެން އެކަތި ގަނޑަކަށް ވާން ޖެހިއްޖެ، އެކަތިގަނޑަކަށް ވާނަން އަޅުގަނޑުމެން. އަޅުގަނޑުމެން ގުޅިގެން މި ސަރުކާރު ބަލި ކޮށްލާނަން.
ނާޒިމް
މިރޭ ކުރިއަށްދާ ޖަލްސާގެ ތެރެއިން / ފޮޓޯ: ޕީޕީއެމް

މިރޭ ބާއްވާ މި ޖަލްސާއަކީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށޫއަރާ ބައި ކަނޑައެޅި މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލި ކަމަށް ބުނެ، ބާއްވާ ޖަލްސާއެކެވެ.

އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.