ގާސިމް އާ ހިސާބަށް ދޮގު މައުލޫމާތު ބަޔަކު ގެނެސްދިނުމަކީ ގާސިމަށް ބަޔަކު ދޭ ބޮޑު ގެއްލުމެއް ކަމަށް އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، މިރޭ ބާއްވާ ޖަލްސާ އިން ދައްކާ ވާހަކަ އާއި ގޮވާލާ ގޮވާލުންތަކުން ކުރެވޭނެ ކަންކަމާއި، އެ އެއްވުމުން ހޯދޭނެ ނަތީޖާ އާ މެދު ގާސިމް ސުވާލު އުފެއްދުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނާޒިމް އަދި އޭނާއަށް ހެޔޮއެދޭ މީހަކުވެސް، ގާސިމް އަދި އެހެންވެސް ދިވެހި ރައްޔިތަކަށް ގެއްލުމެއް އަދި ނިކަމެތިކަމެއް ނުދޭނެ އަދި އެފަދަ ވާހަކައެއްވެސް ނުދައްކާނެ ކަމަށާއި ގާސިމާމެދު އިހްސާސަކީ އިހްތިރާމް ކަމަށެވެ.

މަނިކުފާނާމެދު އަޅުގަނޑުގެ އިހްސާސަކީ އިހްތިރާމް. އަޅުގަނޑު އަބަދުވެސް މަަސައްކަތްކުރަނީ ރައްޔިތުންގެ ހައްގުގައި އިހްލާސްތެރި މަސައްކަތެއް ގައުމަށް ކޮށްދިނުމަށް.
ނާޒިމް

ގާސިމް ވިދާޅުވީ، މިރޭ ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިނުގަތުމަށް އޭނާ ނިންމެވީ، އެ ޖަލްސާ އިން ހޯދޭނެ އެއްވެސް ރަނގަޅު ނަތީޖާ އެއް ފެނިވަޑައިނުގަންނަވާތީ ކަމަށެވެ. މި އެއްވުމަކީ ސިޔާސީ މަގްސަދެއްގައި ބާއްވާ އެއްވުމެއްގެ ގޮތުގައި ގާސިމް ވަނީ ސިފަކުރައްވައިފައެވެ.

"އެއީ އެކަމެއް ކޮށްގެންނެއް ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ބޭރު ވެސް ނުކުރެވޭނެ، އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ދުރު ވެސް ނުކުރެވޭނެ، އެހެން އެކަން އޮތީ، އެކަން ކުރެވޭނީ ގާނޫނުއަސާސީގަ ބުނެފައި އޮތް އުސޫލުތަކުގެ ތެރެއިން ގާނޫނުއަސާސީގަ ސާފުކޮށް ކަޅާއި ހުދުން ބުނެފައިވާ ގޮތަށް އަމަލުކޮށްގެން،"

މިރޭ ބާއްވާ ޖަލްސާ އިން ކުރެވޭނެހާ ވެސް ކަމަކީ އާންމުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުން ކަމަށް ގާސިމް ވިދާޅުވިއެވެ.