ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވި ދަރިވަރުންގެ ވަގުތީ ލިސްޓް މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމު ކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ، މިއަހަރު ސްޓޫޑަންޓް ލޯނަށް 720 ފުރުސަތު ހުޅުވާލާފައިވާއިރު ލޯނަށް އެދި 1،507 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ. ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަތީ ތައުލީމަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމައިފައެވެ. އެއާއެކު ލޯނުގެ ވަގުތީ ލިސްޓު އާންމުކުރިއިރު 1،225 ދަރިވަރުންގެ ނަން ހިމެނެއެވެ.
މީގެ ތެރެއިން ޕައިލެޓްކަން ކިޔަވަން ހުޅުވައިލި ޖާގަ އަށް ވެސް އެތައް ސަތޭކަ ދަރިވަރުން ކުރިމަތިލިއިރު، އޭގެ ތެރެއިން ޝަރުތުހަމަވި 479 ދަރިވަރުންނަށް ފުރުސަތު ދޭން މިނިސްޓްރީން ވަނީ ނިންމާފައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ، ރިކޯޑް އަދަދެއްގެ ދަރިވަރުންނަށް ޕައިލެޓްކަން ކިޔަވަން ދިނުމަކީ އޭވިއޭޝަން އިންޑަސްޓްރީ އަށް އާދަޔާ ހިލާފު ހެޔޮ ބަދަލެއް އަންނާނެ ކަމެކެވެ. އަދި ކުރިއަށް އޮތް މުސްތަގުބަލުގައި އޭގެ ފައިދާތައް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ފުރުސަތު ހުޅުވާލިއެވެ. ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ގަމަކަށްވެސް ދިއުމުގެ ފުރުސަތު ފަހި ކޮށްދީފައިވެއެވެ.
މިގޮތުން ލޯނު އެހީގެ ދަށުން ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ލޯނު އިއުލާންގައި ބަޔާންކޮށްފައިވާ ގައުމުތަކަށެވެ. އެނޫން ގައުމެއްގައި ކިޔެވުމަށް ލޯނު އެހީ ފޯރުކޮށްދޭނީ އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން އެ ދަރިވަރަކު އިހްތިޔާރުކުރާ ގައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.
ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން 11، 2023ގެ 01:00 އެވެ. އަދި ދާއިމީ ނަތީޖާ، އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ 22 ޖޫން 2023 ގައެވެ.