އާންމު ވިޔަފާރިވެރި އަކަށް 15 ދުވަސް ތެރޭ 9.3 މިލިއަން ރުފިޔާ ދައްކަން ލިލީ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ މަައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ވިޔަފާރިވެރިޔާ އާސިމް އަބްދުއްރަހީމް، ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ވާގޮތުން ލިލީ އެންޓަޕްރައިސަސްގެ ވިޔަފާރިއަށް އިންވެސްޓް ކުރުމަށް 6 ލައްކަ ޑޮލަރު އޭނާ ދީފައި ވެއެވެ. އަދި 6 ލައްކަ ޑޮލަރަށް 15.52ރ ގެ ރޭޓުން ވާ ދިވެހި ފައިސާގެ ގޮތުގައި ޖުމްލަ 9،315،700 ރުފިޔާ ލިބޭ ގޮތަށް ލިލީ އެންޓަޕްރައިސް އިން އާސިމް އަށް ފަސް ޗެކް ދީފައި ވީ ނަމަވެސް އެ ޗެކްތަކަށް ބޭންކުން ފައިސާ ދޫނުކުރުމަށް "ސްޓޮޕް އޯޑާ" އަންގާފައިވާ ކަަމަށާއި އެއް ޗެކްގެ މުއްދަތުވެސް ހަމަވެފައިވާ ކަމަށް ވަނީ ދައުވާގައި ބުނެފައެވެ.

އަދި ދެ ފަރާތުން އެއްބަސް ވެފައިވާ ގޮތުގެ މަތިން ލިލީ އެންޓަޕްރައިސަސް އިން ފައިސާ ދައްކަމުން ދިޔަ ނަމަވެސް 2020 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ފައިސާ ދިނުން ހުއްޓާލި ކަމަށް އާސިމް ބުނެފައި ވެއެވެ. އަދި ފައިދާގެ ގޮތުގައި ދޭ އަދަދު ކުޑަ ކޮށްދިނުމަށާއި މުޅި މުއާމަލާތް ނިމުމަކަށް ގެނައުމަށް ލިލީ އެންޓަޕްރައިސަސް އިން އެދުމުން 2020 ވަނަ އަހަރުގެ ނޮވެމްބަރު 2 ވަނަ ދުވަހު އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހެޅި ކަމަށްވެސް ބުނެއެވެ.

އާސިމްގެ ދައުވާއަށް އިންކާރު ކޮށް ލިލީ އެންޓަޕްރައިސަސް އިން ބުނެފައި ވަނީ ލިލީގެ ވިޔަފާރީގައި އެއްވެސް ސިފައެއްގައި އޭނާ އިންވެސްޓްކޮށްފައި ނުވާނެ ކަަމަށާއި އެފަދަ ދައުވަތެއްވެސް އާސިމް އަށް ދީފައި ނުވާނެ ކަމަށެވެ. ނަމަވެސް ވިޔަފާރިއަށް ބޭނުންވާ ޑޮލަރު ހޯދުމަށް އާސިމްގެ އަތުން ޑޮލަރު ގަނެ ދެ ފަރާތުން އެއްބަސްވާ ރޭޓަށް އާސިމް އަށް ފައިސާ ދިން ކަމަށެވެ.

އަދި އެފަދަ ހާލަތްތަކުގައި ޑޮލަރު ގަތުމަށް ފަހު ވަގުތުން ފައިސާ ހަވާލު ނުކޮށް ލަސްވާނަމަ އެ ފަރާތަށް ކޮންމެސް ވަރެއްގެ މަންފާއެއް ލިބޭ ގޮތް އެ ކުންފުނިން އަބަދުވެސް ހަމަޖައްސައި ދޭ ކަމަށް ވެސް ބުނެއެވެ. އަދި ޑޮލަރުގެ މުއާމަލާތް ތަކުގައި ޑޮލަރު ވިއްކާ ފަރާތްތަކުން ގިނަ ފަހަރަށް ނަގުދު ފައިސާ ބޭނުންވާތީ ޗެކު ހަވާލު ކުރި ނަމަވެސް ނަގުދު ފައިސާ ދިނުމަށް ފަހު ބައެއް ފަހަރު ޗެކް އަތުނުލެވި ހުންނަކަން ފާހަގަކޮށް އިތުރަށް އެ ކުންފުނިން ބުނެފައި ވަނީ ދައުވާގައި އާސިމް ބަޔާން ކޮށްފައިވާ ޗެކް ތަކަކީ ވެސް އެ ފަދަ ޗެކްތަކެއް ކަމަށެވެ.

އިތުރު ހެކިތަކަށް ބަލާ، ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ޝަރީއަތުން ހުކުމް ކޮށްފައި ވަނީ 9،315،700 ދިވެހި ރުފިޔާ މި ފެށޭ ޖޫން 15ގެ ކުރިން އާސިމް އަބްދުއްރަހީމް އަށް ދައްކާ ހަލާސް ކުރުމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ދައުވާ އުފުލި އާސިމް އަބްދުއްރަހީމް ބުނީ، ލިލީ އެންޓަޕްރައިސަސް އިން ދައުވާ އާ ދެކޮޅު ހެދި ނަމަވެސް ކަން ހިނގާ ދިޔަ ގޮތް ޝަރީއަތުގެ ހުކުމުންވެސް ސާފުކޮށް އެނގެން އޮތް ކަަމަށެވެ. އަދި މައްސަލަ ދިގުލާ ދިޔުމާ ގުޅިގެން ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި ގެއްލުމުގެ ބަދަލަށް ދައުވާ ކުރުމަށް ވިސްނަމުންދާ ކަމަށެވެ.

މި މައްސަލައިގެ އިތުރުންވެސް މަކަރާއި ހީލަތުން ފައިސާ ނަގާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ލިލީގެ މައްޗަށް ދައުވާ ކުރަން ތައްޔާރުވަމުން ދާކަން 'ދަ ޕްރެސް' އަށް އެނގިފައި ވާ އިރު، އާންމު އެހެން ވިޔަފާރިއަކުން ލިލީއަށް ވިއްކި 650،000 ޑޮލަރަށް ވާ ފައިސާ ނުދީގެން ހިނގަމުން ދާ ޝަރީއަތެއް ވެސް ކުރިއަަށް އެބަދެއެވެ. އެ ޝަރީއަތް ވެސް މިހާރު އޮތީ ނިމުމުގެ މަރުހަލާގައެވެ.