ސަންފްރަންޓް ކުންފުންޏަށް ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މަހުގެ 2 ވަނަ ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައިވަނީ 2010 ވަނަ އަހަރު މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން 11 ބިމެއް ވިއްކުމަށް ސަރުކާރުން ހުޅުވާލި ބީލަމުގައި، ސަންފްރަންޓުން 2،000 އަކަފޫޓުގެ ދެ ބިމަށް ބީލަން ހުށަހަޅާ، އެ ބީލަން ކާމިޔާބު ކޮށްފައި ވާކަމަށެވެ. އަދި މި ދެ ބިމުގެ އަގަށްވާ 26 މިލިއަން ރުފިޔާ އެ ކުންފުނިން ދައުލަތަށް ދެއްކާފައި ވާކަމަށް ސިވިލް ކޯޓުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ހައިކޯޓުން ނެރުނު އަމުރަކާ ގުޅިގެން ބިޑް ހުއްޓުވައި، ބިންތައް ކުންފުންޏާ ހަވާލުކޮށްފައި ނުވާއިރު، ބިމަށް ދެއްކި 26 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ސަންފްރަންޓުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

މި މައްސަލައިގައި އޭރު ސިވިލް ކޯޓުން ވަނީ ބިމަށް ދެއްކި 26 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި އަނބުރާ ސަންފްރަންޓަށް ދެއްކުމަށް ނޮވެމަބަރު 29، 2012 ވަނަ ދުވަހު، ދައުލަތުގެ މައްޗަށް ހުކުމްކޮށްފައެވެ. އެހެން ނަމަވެސް މި ފައިސާ ދައުލަތުން ދައްކާފައިވަނީ މެއި 25، 2014 ވަނަ އަހަރުގެ ތެރޭގައި ކަމަށްވާތީ، ފައިސާ ނުދައްކާ ހޭދަވި މުއްދަތުގެ ތެރޭގައި ކުންފުންޏަށް ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުނިން ވަނީ އިތުރު ދައުވާއެއް ހުށަހަޅާފައެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، ސަންފްރަންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20,824,556.00 ރުފިޔާ ލިބެންޖެހޭކަމަށް، ހުށަހަޅާފައިވާ ހެއްކާއި ލިޔެކިޔުންތަކުން ސާބިތުވާކަމަށެވެ. އެހެންކަމުން އެ ފައިސާ މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.