އަމިއްލަ ކުންފުންޏެއް ކަމަށް ވާ ސެންޓަ އެންޓަޕްރައިސަސް އަށް 12.7 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސެންޓަ އެންޓަޕްރައިސަސް އިން އެންވަޔަރަމެންޓް މިނިސްޓްރީ އަށް ފޯރުކޮށްދިން ކަޅު ހަންތަކަކަށް ވާ ފައިސާގެ ތެރެއިން އެ ކުންފުންޏަށް ނުދީ އޮތް ފައިސާ ހޯދަން އެ ކުންފުނިން ހުށަހެޅި މައްސަލައިގައި ވަނީ އެ ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި 17 މިލިއަން ރުފިޔާ ހޯދުމަށް އެދިފައެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ވަނީ ކަޅުހަންތަކަށް ވާ ފައިސާ ދައުލަތުން ނުދައްކާ އޮތްކަން ލިޔުންތަކުން ސާބިތުވާ ކަމަށް ނިންމާފައެވެ. އަދި އެ ފައިސާއަކީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅާ އެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި ދައްކަން ވަނީ ހުކުމް ކޮށްފައެވެ. އެހެން ނަމަވެސް މި މަސައްކަތުގެ އެއްބަސްވުމުގައި ފައިސާ ނުދައްކައިފިނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ ޖޫރިމަނާ ކޯޓުން ނަގައިދީފައެއް ނުވެއެވެ.
ސެންޓަ އެންޓަޕްރައިސަސް އިން، ހެލްތު މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސް އަށް 2006 އިން 2008 ގެ ނިޔަލަށް ފޯރުކޮށްދިން މުދަލުގެ އަގަށްވާ 32 މިލިއަން ރުފިޔާ ދެއްކުމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ދައުލަތުގެ މައްޗަށް ހުކުމެއް ކުރިއެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސް އަށް ބޭނުންވި މުދާ ދެ ފަރާތުން އެއްބަސްވި އަގުގައި އެ ޑިޕާޓްމަންޓަށް ފޯރުކޮށްދީފައި ވީ ނަމަވެސް އެ ހިދުމަތަށް ވާ ފައިސާ އެ ކުންފުންޏަށް ލިބިފައި ނުވާތީ އެ ހިދުމަތަށްވާ ދެ މިލިއަން ޑޮލަރު ދެއްކުމަށް ދައުލަތުގެ މައްޗަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ސިވިލް ކޯޓުން މި ހުކުމް ކުރުމުން، ދައުލަތުން ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރިނަމަވެސް ހައިކޯޓުން ވަނީ މިފައިސާ ދައްކަން ޖެހޭކަމަށް ނިންމާ، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.