މީގެ 5 އަހަރުކުރިން ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެ ގުދަން ހިންގި ގްރީން ޕާތު ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ އިހުމާލު ކަމަށް ހައި ކޯޓުން ވެސް ކަނޑައަޅައިފިއެވެ.

މިހާތަނަށް މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި 14 ގެއަކަށް އަލިފާނުގެ އަސަރުކޮށް މީހަކު ނިޔާވެފައިވާއިރު، ގްރީން ޕާތު ކުންފުންޏާ ދެކޮޅަށް ތިން އާއިލާއެއްގެ ފަރާތުން ސިވިލް ކޯޓުގައި އިހުމާލުގެ ދައުވާ ވަނީ އުފުލާފައެވެ. އަދި އެ މައްސަލައިގައި ޝަރީއަތް ހިންގުމަށް ފަހު ސިވިލް ކޯޓުން ހުކުމް ހާދިސާ ހިނގާފައިވަނީ ގްރީން ޕާތުގެ އިހުމާލުން ކަމަށް ނިންމުމާއި ގުޅިގެން އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް ހުކުމް ބާތިލްކޮށްދިނުމަށް ވަނީ އެދިފައެވެ.

އެ ކުންފުނިން އެ ގުދަން ހިނގާފައިވަނީ ޑިފެންސް މިނިސްޓްރީން ހުއްދަ ހޯދައިގެން ކަމަށް ދިފާއުގައި ބުނެފައިވާއިރު އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމްގައި ބުނީ ގްރީން ޕާތު ކުންފުނީގެ މައްޗަށް އަވަށްޓެރިންގެ މައްޗަށް ގާނޫނީ ޒިންމާއެއް އޮތް ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. އަދި އެ ޒިންމާއާ ކުންފުނީގެ ފަރާތުން ހިލާފުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ މިންވަރަށް ދައުވާ ކުރާ ފަރާތްތަކުން ހެކި ހުށަހަޅާފައިވާ ކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ.

އެ ތަނަކީ ހުއްދަ ހޯދައިގެން ހިންގާ ތަނެއް ކަމަށް ކުންފުނިން ބުނި ނަމަވެސް، ތަނުގެ ހާލަތު މޮނީޓާކޮށްފައިނުވާކަން ފާހަގަކޮށް ހައި ކޯޓުން ވަނީ ގްރީން ޕާތުގެ ކިބައިގައި އޮތް ގާނޫނީ ޒިންމާއާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅާފައެވެ. އަދި އެ ހިލާފުވުމުގެ ސަބަބުން ބޮޑު ގެއްލުމެއް، ދައުވާކުރާ ފަރާތްތަކަށް ލިބިފައިވާ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.ނުރައްކާތެރި ކެމިކަލް ހުރި ގުދަނެއް ހިންގާއިރު، އާންމު މިންގަނޑަށް ވުރެ ފަރުވާތެރިވުމުގެ ގާނޫނީ ޒިންމާއެއް އޮވެ، އެ ޒިންމާ އަދާކުރުމަށް ގްރީން ޕާތު މަސައްކަތް ކޮށްފައިނުވާ ކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ކަނޑައަޅައި، އެ ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓާފައެވެ.