ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. ކޮމަންޑޫގައި އިމާރާތްކުރާ 30 ހައުސިން ޔުނިޓް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ ކޮމަނޑޫ ހައުސިން މަޝްރޫގެ އަގަކީ 40,923,848.16 ރުފިޔާ ކަމަށެވެ. 300 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމަން ހަވާލު ކުރި މި ޕްރޮޖެކްޓްގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 30 ރޯހައުސް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

އެއިން ކޮންމެ ޔުނިޓެއްގައި ހިމެނޭނީ 3 ކޮޓަރި، 3 ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެކެވެ.

އިމާރާތުގެ ވަށާފާރާއި ހައުސިން ޔުނިޓް ތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަ މާހައުލެއް ގާއިމް ކުރުމަށްޓަކާ ޔުނިޓްތައް ވަށައިގެން އަލިކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ވެސް ގާއިމް ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ޕްރޮޖެކްޓް ހަވާލު ކުރި ކުންފުންޏާއެކު މިއަދު މެންދުރު ވަނީ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ޕްލޭނިން މިނިސްޓްރީގައި ބާއްވާފައެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓްސް ޑިރެކްޓަރު އާދަމް ރަހީމެވެ.