ށ. މަތި ކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، މަތި ކޮމަންޑޫގެ ބިން ހިއްކައި ނިމިފައިވާ ކަމަށާއި އަދި މިއަދު އުކުޅަސް ބިން ހިއްކަން ފަށާނެ ކަމަށެވެ. މި ސަރުކާރަކީ އިންތިހާބަށް ކަނޑަޖަހާ ސަރުކާރެއް ނޫންކަން ރައްޔިތުން ގަބޫލުކުރަނީ މިގޮތަށް ޕްރޮޖެކްޓައް އިތުބާރާއެކު ފަށަމުން ނިންމަމުން ދާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ އިންތިހާބަށް ކަޑަ ޖަހާ ސަރުކާރެއް ނޫންކަން އެންމެ ރައްޔިތުން ގަބޫލު ކުރަނީ މިގޮތަށް ޕްރޮޖެކްޓްތައް އިތުބާރާއެކު ފަށަމުން ނިންމަމުންދާތީ
އާޒިމް

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ކޮމަންޑޫގައި 1690 ކިލޯމީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަންގެ މަސައްކަތާއި، މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިމެއް ހިއްކުމުގެ މަސައްކަތާއި، މަތިކޮމަންޑޫގައި 1،520 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓަކާއި، ޖުމްލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށްޓެއް ގާއިމް ކުރުމެވެ. މީގެ އިތުރުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑު އާއި މަތިކޮމަންޑޫ ހިއްކާ ސަރަހައްދު ގުޅާލުން ހިމެނެއެވެ.

މި މަޝްރޫއު އެމްޓީސީސީ އާ ސަރުކާރުން ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު، ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް، 235.75 މިލިއަން ރުފިޔާއަށެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ސަރުކާރުން އިއުލާނު ކޮށްފައި ވަނީ، އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމުގެ ޖަލްސާގައެވެ.