ށ. ކޮމަންޑޫ އަށް ތެޔޮ ހުސްކުރަމުން ދަނިކޮށް، އެ ރަށު ޖެޓީގެ ޝީޓް ޕައިލްއެއްގައި ޖެހި، އެފްއެސްއެމްގެ ތެޔޮ ބޯޓެއް ފަޅައިގެން ގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓު ފަޅައިގެން ގޮސް ދިޔަވާން ފެށުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުމާއެކު، މިއަދު ހެނދުނު 10:00 ހާއިރުން ފެށިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ޝީޓް ޕައިލްގައި ޖެހި އެފްއެސްއެމްގެ ތެޔޮ ބޯޓުން ފަޅައިގެން ގޮސްފައި ވަނީ 8 އިންޗި ވަރުގެ ތަނެއް ކަމަށެވެ. އަދި ބޯޓު މިހާރު އޮތީ ށ. މަތިކޮމަންޑޫ އަށް ބީއްސާލާފައި ކަމަށެވެ.

ބޯޓުގައި ފަޅައިގެން ގޮސްފައިވާ ތަނަށް އުނގުރިއެއް ޖަހައި ދިޔަވުން މިހާރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.